ޑިޒްނީގެ އެންމެ ހަގު "ލެޖެންޑް"ގެ ލަގަބު އެ ކުންފުނީގެ އުފެއްދުމެއް ކަމަށްވާ "ހަނާ މޮންޓާނާ"އިން ފެނިގެންދިޔަ މައިލީ ސައިރަސްއަށް ލިބިއްޖެ އެވެ.

އުމުރުން 31 އަހަރުގެ މައިލީއަށް ޑިޒްނީއިން އެ ލަގަބު ދީފައި ވަނީ 12،000 މީހުންނާއެކު ބޭއްވި ޑީ 23 ފޭން އެކްސްޕޯގަ އެވެ. އެ އެވޯޑް ލިބުމުން އެއްވެ ތިބި އެންމެން ވަނީ އޭނާއަށް "ސްޓޭންޑިން އޮވޭޝަން"އެއް ދީފަ އެވެ.

އެ އެވޯޑު ގަބޫލު ކުރަމުން މައިލީ ބުނެފައިވަނީ ހަނާ މޮންޓާނާއަކީ އޭނާގެ ހަޔާތުގައި ލިބުނު ރަނުގެ ފުރުސަތެއް ކަމަށާއި އެ ޝޯގެ ހިއްސާއަކަށްވީތީ މިހާރު ވެސް ފަހުރުވެރިވާ ކަމަށެވެ.

"ހަނާ މޮންޓާނާގެ ކާމިޔާބަކީ އެ ޝޯގެ ވަފާތެރި ސަޕޯޓަރުންގެ ލޯބި. އެ ޝޯގެ ހިއްސާއަކަށް ވެވުނީތީ ފަހުރުވެރިވަން،" މައިލީ ބުންޏެވެ.

މައިލީއަކީ މިއަހަރު "ޑިޒްނީ ލެޖެންޑް" އެވޯޑު އެރުވުނު 14 މީހުންގެ ތެރެއިން އެކެކެވެ. މި އެވޯޑަކީ އެ ކުންފުނީގެ އުފެއްދުންތަކުގައި ފާހަގަކޮށްލެވޭ ދައުރެއް އަދާކޮށްދީފައިވާ ފަރާތްތަކަށް ދެވޭ އެވޯޑެކެވެ.

ޑިޒްްނީގެ ހަނާ މޮންޓާނާއަކީ ދިވެހި ކުޑަކުދިންގެ މެދުގައި ވެސް ބޮޑު މަގުބޫލު ކަމެއް ހޯދި ކާމިޔާބު ޝޯއެއްކަން ފާހަގަ ކޮށްލެވެ އެވެ.