ކުޑަކުދިންގެ ޕުއްޕާމެއަށް އާންމުކޮށް ޖެހޭ ވައިރަހެއް ކަމަށްވާ ރެސްޕިރޭޓަރީ ސިންސިޓިއަލް ވައިރަސް (އާރްއެސްވީ) ރައްކާތެރިކުރުމަށް މާބަނޑު އަންހެނުންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމެއް އިނގިރޭސިވިލާތުގައި ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މި ވެކްސިން ދެނީ ބަނޑަށް 28 ހަފްތާވުމުންނެވެ. ކުޑަކުދިންގެ އުމުރުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 90 ޕަސެންޓް ކުދިންނަށް އާރުއެސްވީ އިން ބަލި ޖެހެ އެވެ. މި ބަލި ޖެހުމުން ގިނަ ކުދިންގެ ފެންނާނީ އާދައިގެ ރޯގާއެއްގެ އަލާމާތްތަކެވެ.

ނަމަވެސް ބައެއް ކުދިންނަށް އޭގެ ސަބަބުން ފުއްޕާމޭގެ ސީރިއަސް އިންފެކްޝަންތައް އުފެދި، ނިއުމޯނިއާ އާއި އިންފަންޓް ބްރޮންކިއޯލައިޓިސް ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު އޮވެ އެވެ. މިއީ މުޅި ދުނިޔޭގައި ވެސް ތުއްތު ކުދިން މަރުވާ މައިގަނޑު އެއް ސަބަބެކެވެ.

ޔޫކޭއެޗްއެސްއޭގެ ޗީފް އެގްޒެކެޓިވް ޕްރޮފެސަރު ޑޭމް ޖެނީ ހެރީސް ވިދާޅުވީ ވެކްސިން ޕްރޮގްރާމްތަކުގެ ސަބަބުން ފުރާނަ ސަލާމަތްކުރުމުގެ އިތުރުން އެންއެޗްއެސްގެ ފިނި މޫސުމުގެ ޕްރެޝަރުތަކަށް ލުޔެއް ލިބިގެންދާނެ ކަމަށެވެ.

"ސެޕްޓެމްބަރު މަހު ޕްރޮގްރާމްތައް ފަށާއިރު، ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކުން ވެސް މި ވެކްސިން ޖެހުމަށް އަޅުގަނޑު އިލްތިމާސް ކުރަން،" އޭނާ ވިދާޅުވި އެވެ.

މާބަނޑު މީހުންނަށް ވެކްސިން ދެނީ އެމީހުންގެ ހަށިގަނޑުން ވައިރަހާ ދެކޮޅަށް އެންޓިބޮޑީޒް އުފެއްދުމަށެވެ. މި އެންޓިބޮޑީސްއަކީ ވިހެއުމުން ތުއްތު ކުއްޖާއަށް ވެސް ރައްކާތެރިކަން ދޭނެ އެއްޗެކެވެ.