ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ޖުލައި މަހު ފްރާންސްގެ ވެރިރަށް ޕެރިހަށާއި އިރާނުގެ ވެރިރަށް ތެހެރާނަށް ކުރެއްވި ރަސްމީ ދެ ދަތުރަށް ދައުލަތުގެ ބަޖެޓުން 1.8 މިލިއަން ރުފިޔާ ހަރަދުވި ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ނައިބު ރައީސް ހުސައިން ފްރާންސަށް ވަޑައިގަތީ އެ ގައުމުގައި ކުރިއަށްދިޔަ އޮލިމްޕިކްސް ކުޅިވަރުތައް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. އަދި އިރާނަށް ވަޑައިގަތީ އެ ގައުމުގެ އާ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.
ރަސްމީ ދަތުރުފުޅުތަކުގައި ފަސްޓް ކުލާސް ހިޔާރު ނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިފަހުން ވެސް ފަސްޓް ކްލާހުގައި ރައީސާއި ނައިބު ރައީސް ދަތުރުފުޅުތައް ކުރައްވާފައިވެ އެވެ. މި ދަތުރުފުޅުގެ ތަފްސީލް ހާމަކޮށްފައިނުވާތީ ދަތުރުފުޅު ކުރެއްވީ ކޮން ކްލާހަކުން ކަމެއް ނޭނގެ އެވެ.
ރައީސް އޮފީހުން ބުނީ ނައިބު ރައީސް ޕެރިހަށް ކުރެއްވި ފަސް ދުވަހުގެ ދަތުރުފުޅަށް ހަރަދުކޮށްފައި ވަނީ 1.3 މިލިއަން ރުފިޔާ ކަމަށެވެ.
ޕެރިހަށް ކުރެއްވި ދަތުރުފުޅުގައި ނައިބު ރައީސް ވަނީ އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރި އެތްލީޓުންގެ އިތުރުން އެ ގައުމުގައި ދިރިއުޅޭ ދިވެހީންނާ ބައްދަލުކުރައްވާފަ އެވެ. އެ ދަތުރުފުޅުގައި އެކި ގައުމުތަކުގެ ވަޒީރުންނާ ބައްދަލުކުރައްވައި ކުޅިވަރާއި ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭ ގޮތުން އެމަނިކުފާނު މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އީރާނުގެ އާ ރައީސް މަސްއޫދު ޕެޒެޝްކިއާން ހުވާކުރެއްވި ރަސްމިއްޔާތަށް، ރައީސް މުއިއްޒުގެ މަންދޫބެއްގެ ހައިސިއްޔަތުން މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހު އެ ގައުމަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 464،617 ހަރަދުކޮށްފައިވެ އެވެ.
އެ ދަތުރުފުޅުގައި، މެދުކެނޑުމަކަށްފަހު 2023 ގައި އީރާނާއެކު ރާއްޖެއިން ގާއިމުކުރި ހާރިޖީ ގުޅުން އިތުރަށް ބަދަހިކުރުމާމެދު އެ ގައުމުގެ އިސްވެރިންނާއެކު ނައިބު ރައީސް މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެމަނިކުފާނު ވަނީ އެ ގައުމުގައި ތިބި ދިވެހި ކިޔަވާކުދިންނާ ބައްދަލުކުރައްވައި ހުރި ދަތިތައް އޮޅުންފިލުއްވާފަ އެވެ.