އިއްޔެ ކުރި ވިއްސާރައިގައި މާލޭގައި ފެންބޮޑުވުމުގެ ސަބަބުން ގެއްލުންވި ގޭތަކުން 23 މީހަކު ވަގުތީ ހިޔާއަށް ބަދަލުކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މިއަދު 10:30 އާ ހަމައަށް އެހީއަށް އެދި 256 ކޯލު ލިބުނު ކަމަށާއި ފެންބޮޑުވެގެން ހާލުގައި ޖެހުނު ފަސް އާއިލާއެއްގެ 23 މީހުން ވަގުތީ ހިޔާއަށް މިހާތަނަށް ބަދަލު ކުރެވިފައިވާ ކަމަށެވެ.

"ގެތަކަށް ފެން ނުވަންނާނެ ގޮތަށް 248 ވެލި ބަސްތާ ވަނީ ޖެހިފައި. ނަރުދަމާ މައްސަލަ ޖެހުނު 12 ގެއަކަށް އެޓެންޑް ވެވުނު. އެހީތެރިކަމަށް އެދި 256 ކޯލު ލިބުނު،" އެންޑީއެމްއޭ އިން ބުންޏެވެ.

މާލެ ސިޓީގެ އިތުރުން ވިއްސާރައިގެ ސަބަބުން 20 ރަށަކަށް ގެއްލުންވެ ރިޕޯޓްކޮށްފައިވާ ކަމަށް ވެސް އެންޑީއެމްއޭއިން ބުނެ އެވެ. އެގޮތުން ހއ. އަތޮޅުގެ 12 ރަށަކާއި، ހދ. ނޮޅިވަރަންފަރު، ނޮޅިވަރަމް، ހަނިމާދޫ، ނެއްލައިދޫގެ އިތުރުން ކ. ހުރާ، އައްޑޫ ސިޓީ ހިތަދޫ، މީދޫ އަދި ފޭދޫ ހިމެނެ އެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ގެއްލުން ލިބޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރައީސް މުހައްމަދު މުއިއްޒު ރޭ ވަނީ ހާއްސަ ޓާސްކްފޯހެއް ވެސް އުފައްދަވައިފަ އެވެ.

ވިއްސާރަވުމާ ގުޅިގެން ރައީސް ވަނީ މިއަދު ސަރުކާރު ބަންދު ދުވަހެއްކަމަށް ކަނޑައަޅުއްވާފަ އެވެ.

ކުރިއަށް އޮތް ތިން ދުވަހު ވެސް މުޅި ރާއްޖެއަށް ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެ އެވެ.

މެޓުން މިހާރު ވެސް ވަނީ ހއ. އަތޮޅުން ފެށިގެން އދ. އަށް ޔެލޯ އެލާޓް ނެރެފަ އެވެ. އެ ސަރަހައްދުގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެ އެވެ.