މާލޭ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ވަޖީހު ނަސީރު މަގާމުން ވަކިކޮށްފި އެވެ.

ވަޖީހު މަގާމުން ވަކިކުރަން މިއަދު ބޭއްވި ކައުންސިލް ޖަލްސާއަށް ހުށަހެޅުއްވީ މޭލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އެވެ.

ކައުންސިލް ބައްދަލުވުމުގައި ނަރީޝް ވިދާޅުވީ ވަޖީހު މަގާމުން ވަކިކުރަން ހުށަހެޅީ ގާނޫނީ ޒިންމާ އަދާނުކުރެވޭތީ ކަމަށެވެ. އެގޮތުން ފިޔަވަޅު އަޅަންޖެހޭ މުވައްޒަފުންނަށް ވަޖީހު ފިޔަވަޅު ނާޅާ ކަމަށް ނަރީޝް ވަނީ ވިދާޅުވެފަ އެވެ. މާލޭ ސިޓީ ކައުންސިލުން އެކި ފަރާތްތަކަށް ދޭންޖެހޭ ފައިސާ ހޯދުމަށް އެ ފަރާތްތަކުން ހުށަހަޅާފައިވާ ބިލްތަކަށް ވެސް އޭނާ ފައިސާ ދޫނުކުރާ ކަމަށް ވެސް ނަރީޝް ވިދާޅުވި އެވެ.

ވަޖީހު މަގާމުން ވަކިކުރަން ނެގި ވޯޓުގައި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހާއި މައްޗަންގޮޅި ދެކުނު ދާއިރާގެ ކައުންސިލަރު އައިޝަތު ނާޒިމާ ބައިވެރިވެވަޑައިގެންފައެއްނުވެ އެވެ.

ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ވިދާޅުވީ ވަޖީހު މަގާމުން ވަކިކުރަން ވޯޓަށް އެހުމުގެ ކުރިން އޭނާއަށް ތުހުމަތު ކުރެވޭ ކަންތައްތަކާ ގުޅިގެން ޖަވާބުދާރީވުމުގެ ފުރުސަތު ދޭންޖެހޭ ކަމަށެވެ. ނަމަވެސް ޕީއެންސީގެ މެޖޯރިޓީން އެ ފުރުސަތު ދޭން ބޭނުމެއް ނުވި އެވެ.