މާލޭގައި ގަވާއިދާ ހިލާފަށް އުޅޭ 22 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަނުން މިއަދު ބުނީ މާލޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ ގުޅޭގޮތުން "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މައުލޫމާތާ ގުޅިގެން އިއްޔެ ހެނދުނު ރެއިޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މިގޮތުން، ގ.ހީނާމާގެ ޕާކިން ސަރަހައްދުން ބަލައި ފާސްކުރި ބިދޭސީންގެ ތެރެއިން، ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ ނެތް 14 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.

މީގެ އިތުރުން، މާލެ ސިޓީ ކައުންސިލުން އިމިގްރޭޝަނަށް ހިއްސާކުރި މައުލޫމާތަކާއި ގުޅިގެން މާފަންނު ސަރަހައްދުގައި، ބިދޭސީން ދިރިއުޅެމުންދާ އެކަމަޑޭޝަން ބްލޮކެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ އަށް ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުނެ އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ފުލުހުންނާ ގުޅިގެން އިމިގްރޭޝަނުން އަންނަނީ ހާއްސަ އޯޕަރޭޝަނެއް ހިންގަމުންނެވެ. އެ އޮޕަރޭޝަންތަކުގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދާ މީހުންނަށް އިތުރު ފުރުސަތެއް ދިނުމަކާ ނުލައި ޑީޕޯޓު ކުރަމުން ދާއިރު، މިހާތަނަށް 2،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ރާއްޖެއިން ފޮނުވާލައިފަ އެވެ.