ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާދިން މައްސަލާގައި ހައްޔަރުކުރި ހަތް މީހުންނަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައިގެ ތަހުގީގު ނިންމައި ހަތް މީހެއްގެ މައްޗަށް ދައުވާ ކުރުމަށްޓަކައި މިމަހުގެ 18 ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށައަޅާފައިވާ ކަމަށެވެ. އަދި އެމައްސަލާގައި ހައްޔަރުކުރި ދިވެހި ހަތް ފިރިހެނުން އަދިވެސް ތިބީ ފުލުހުންގެ ބަންދުގައި ކަމަށް ފުލުހުން ބުނެ އެވެ.

ޝަމީމަށް ބަޔަކު ހަމަލާ ދިނީ މިއަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ހެނދުނު އެވެ.

އެ ހަމަލާއަކީ ވަރަށް ދުރާލައި ރޭވިގެން ދީފައިވާ ހަމަލާއެއް ކަމަށް އެކަމާ ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވެ އެވެ.

މަރުތޭލެއް ބޭނުންކޮށްގެން ދިން އެ ހަމަލާ އަމާޒުވީ ޝަމީމްގެ އަތުގެ މުލައްދަނޑިއަށް ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެ ހަމަލާގައި އޭނާގެ ވައަތުގެ އުޅަނބޮށިން ތިރީގެ ބައެއް ކަށިތަކުގައި ރެނދުލާފައިވެ އެވެ.

ޝަމީމަށް ހަމަލާދިން މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ފޮނުވާފައިވާއިރު އޭނާ އެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ހުށަހަޅައިފަ އެވެ.