ރުފިޔާ ކާޑުން ޑޮލަރުން މުއާމަލާތްކުރެވޭ ލިމިޓް ކުޑަކުރަން މިދިޔަ އާދިއްތަ ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމުމާ ގުޅިގެން ހިނގާދިޔަ ކަންކަމާ ގުޅިގެން، ބަގާވާތެއް ކުރަން އުޅުނުކަމުގެ ތުހުމަތުތަކެއްކޮށް ތަހުގީގެއް ކުރަން ނިންމާފައިވާ ކަމަށް ބުނެ ސިޔާސީ ކުލަޖެހިފައިވާ ބަޔާނެއް ނެރުމަށްފަހު، ފުލުހުން ސިޔާސީ ނުކުރުމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިހްސާން ވިދާޅުވީ ބީއެމްއެލްއިން ރައްޔިތުންނަށް ސިހުން ގެނުވާ ނިންމުމާއެކު ހަމަ އެވަގުތު ބޮޓް އެކައުންޓްތަކުން ގައުމުގެ މަސްލަހަތު ގެއްލޭގޮތަށް މަގުތަކަށް ނިކުތުމަށާއި އިދިކޮޅުން އެވަގުތު ޕްރެސްކޮންފަރެންސް ބޭއްވުމުން މީ ތަހުގީގު ކުރަންޖެހޭ ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

"ބީއެމްއެލްގެ ނިންމުން ރީކޮންސިޑާ ކުރުމަށް ބޯޑު މީޓިން ވެސް މެންދުރުފަހަށް ޝެޑިއުލްކޮށްފައި ވަނިކޮށް ކުއްލިގޮތަކަށް ނިންމުން ނިންމާ އިއުލާންކުރުމާއި ހަމަ އެވަގުތު ސިޔާސީ ޕާޓީއަކުން ޕްރެސްކޮންފަރެންސެއް ބޭއްވުން އަދި ގިނަ ޕެއިޑް އެކައުންޓްތަކަކުން މަގުތަކަށް ނުކުންނަން ގޮވާލާ ސޯޝަލްމީޑިއާގައި ވާހަކަދެކެވުން މީ މާގިނަ އިއްތިފާގު ނޫންތޯ؟" އޭނާ ވިދާޅުވި އެވެ.

އެފަދަ ކަންތައްތަކާއި ގުޅިގެން ފުލުހުން މައްސަލަ ތަހުގީގު ކުރަން ފެށުމަކީ ފުލުހުންގެ ކޮމިޝަނަރު އިސްތިއުފާއަށް ގޮވަންޖެހޭ ސަބަބެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މައްސަލަ ތަހުގީގުކުރުމަކީ ބަޔަކު ކަމެއް ކުރިކަމަށް ނިންމުން ނޫން ކަމަށާއި، ނަމަވެސް އެފަދަ ތަހުގީގެއް ކުރާ ވާހަކަ އިއުލާންކުރުމުން ބައެއް ފަރާތްތަކުން ކަންބޮޑުވެގެން އުޅުއްވާތަން ފެންނަކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންކަމުން އަޅުގަނޑު ވަރަށް އެދެން ސިޔާސީ ޕާޓީތަކުން ވެސް ފުލުހުން ކުރާ ރަސްމީ މަސައްކަތްތަކާ ގުޅުވާ ފުލުހުންގެ އިދާރާ ސިޔާސީ ނުކުރުމަށް. ފުލުހުންގެ އަގުވައްޓާނުލުމަށް،" އިހްސާން ވިދާޅުވި އެވެ.

މިނިސްޓަރު އިހްސާން މިމޭރުމުން ވާހަކަ ދެއްކެވިއިރު، ޕީއެންސީއިން ހޯމަދުވަހުގެ ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު އާއި ފިޝަރީޒް މިނިސްޓަރު ވަނީ ބީއެމްއެލްއާއި އިދިކޮޅުން ގުޅިގެން ބަގާވާތެއް ކުރަން އުޅުނުކަމަށް ވިދާޅުވެފަ އެވެ. ހަމަ އެ ވަގުތު އިންތިފާގުން ބަގާވާތް ތަހުގީގުކުރާނެ ކަމަށް ބުނެ ފުލުހުންގެ ބަޔާން ވެސް ނެރެފައިވެ އެވެ. އެ ބަޔާނާއެކު އެތައް ބަޔަކު ވަނީ މި ސަރުކާރުން ފުލުހުންގެ އިދާރާ ސިޔާސީކުރަމުންދާ ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.