މީގެ އަހަރުތަކެއް ކުރިން ދިވެހިންގެ މެދުގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމް ފްރެންޗައިޒުއެއް ކަމަށްވާ "ޖުރާސިކް ވޯލްޑް"ގެ އާ ފިލްމެއް ނެރެން ތައްޔާރުވެއްޖެ އެވެ.

ޔުނިވާސަލް ޕިކްޗާސްއިން ޖުރާސިކް ވޯލްޑް ފްރެންޗައިޒްގެ ހަތްވަނަ ފިލްމު އިއުލާން ކޮށްފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހު އެ ކުންފުނިން ވަނީ ފިލްމުގެ ފުރަތަމަ ފެނިލުން ވެސް ދައްކާލާފަ އެވެ.

"ޖުރާސިކް ވޯލްޑް ރީބާތު"ގެ ނަމުގައި އުފައްދާ މި ފިލްމުން އެ ފްރެންޗައިޒްގެ ކުރީގެ އެއްވެސް ކެރެކްޓަރެއް ނުފެންނައިރު ފިލްމުގެ ލީޑު ރޯލުތަކުން ފެނިގެންދާނީ ސްކާލެޓް ޖޯންސަންއާއި ޖޮނަތަން ބެއިލީ އެވެ.

1993 ވަނަ އަހަރު ނުކުތް ޖުރާސިކް ޕާކްގެ އެންމެ ފުރަތަމަ ފިލްމުގެ ސްކްރިޕްޓް ވެސް ލިޔެދީފައިވާ ޑޭވިޑް ކޮއެޕްގެ ސްކްރިޕްޓަކަށް އުފައްދާ ޖުރަސިކް ވޯލްޑް ރީބާތުއަކީ ފްރޭންކް މާޝަލްއާއި ޕެޓްރިކް ކްރައުލީ ޕްރޮޑިއުސްކުރާ ފިލްމެކެވެ.

ޖުރާސިކް ވޯލްޑްގެ އެންމެ ފަހުގެ ފިލްމު ނިމުނުތާ ފަސް އަހަރު ފަހުން ހިނގާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ ޖުރާސިކް ޕާކްގައި އެންމެ ފަހުގެ ސައިފައި ޓެކްނޮލޮޖީ ބޭނުންކޮށްފައިވާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ފިލްމު ސިނަމާތަކުގައި އަޅުވަން ނިންމާފައިވަނީ އަންނަ އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހު ކަމަށް ޔުނިވާސަލް ޕިކްޗާސްއިން ބުނެ އެވެ.