ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ދުވުންކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) ގައި އަންނަ އަންގާރަ ދުވަހުގެ ކުރިން ރަޖިސްޓާ ކުރެވޭނެ އެވެ.

ރަޖިސްޓަރކުރަން ބޭނުން ފަސޭހަކަމާއެކު ރަޖިސްޓްރީކޮށް www.dmrr.mv މެދުވެރިކޮށް އިތުރު މައުލޫމާތު ހޯދޭނެ އެވެ. ޑީއެމްއާރްއާރް އަށް ރަޖިސްޓްރީވުން އަންނަ އަންގާރަ ދުވަހުގެ 23:59 ގައި ހަމަވާނެ އެވެ. ޑީއެމްއާރްއާރްއަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ގިނަ މީހުން އިންތިޒާރުކުރާ ދުވުމުގެ އިވެންޓެވެ. އެގޮތުން މިއަހަރު މި ފާހަގަކުރަނީ މި ރޭހުގެ 15 ވަނަ އެޑިޝަނެވެ. މި ދުވުން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކްގަ އެވެ.

މިއަހަރުގެ ޑީއެމްއާރްއާރްގައި ދިރާގުން ވަނީ މުޅިން އައު އޮފީސް އަދި ރިސޯޓް - 5K ޓީމް އިވެންޓްއެވެ. އެގޮތުން މި ކެޓެގަރީގައި މުއައްސަސާތަކުގެ މުވައްޒަފުންނަށް ހަތަރު މީހުންގެ ޓީމެއްގެ ގޮތުގައި ބައިވެރިވެވޭނެ އެވެ. ޓީމްތަކުގައި ހުސް ފިރިހެން، ހުސް އަންހެން ނުވަތަ އަންހެން އަދި ފިރިހެން ބައިވެރިންނަށްވެސް ދުވެވޭނެ އެވެ. އަދި މީގެ އިތުރުން ހާފް މެރެތަން، 10K އަދި 5K ގެ އިތުރުން ސްކޫލް 13 އަހަރުން ދަށުގެ 5K އަދި ސްކޫލް 13 އަހަރުން މަތީގެ 5K އަށްވެސް ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން، ޑީއެމްއާރްއާރް 2024 އަކީވެސް ދިރާގުގެ ސީއެސްއާރް ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަކޮށްފައިވާ ދުވުމެކެވެ. މި އިވެންޓްގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

އެގޮތުން ދިރާގުން މި އަހަރުގެ އިވެންޓުގައި އެންޑޯސްކޮށްފައިވާ 12 އެންޖީއޯތަކުގެ ތެރެއިން ބައިވެރިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބޭ ފަސް ޖަމިއްޔާއަކަށް އެ ފަރާތްތަށް ރޭވިފައިވާ ޕްރޮގްރާމްތައް ފެށުމަށް އެހީތެރިވުމުގެ ގޮތުން ޖުމްލަ 200،000 ރުފިޔާ ގެ ފައިސާގެ އެހީތެރިކަން ދިރާގުން ދޭނެ އެވެ. މީގެ އިތުރުން ކޮންމެ ބައިވެރިއެއްގެ ރަޖިސްޓްރޭޝަނުން 100 ރުފިޔާ އާއި ސްޕެޝަލް ބިބް ނަމްބަރު ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއްވެސް ހަމަހަމަކޮށް އެންޑޯސްކޮށްފައިވާ ޖަމިއްޔާތަކަށް ހަދިޔާ ކުރުމަށްވެސް އެކުންފުނިން ވަނީ ނިންމާފަ އެވެ. މިގޮތުން މިދިޔަ އަހަރުގެ ޕާޓުނާ އެންޖީއޯތަކަށް ދިރާގުންވަނީ ޖުމްލަ 635،000 ރުފިޔާ ހަދިޔާކޮށްފަ އެވެ.

މި ރޭހަކީ ކޮންމެ އަހަރަކުވެސް ވަނަ ވަނައަށް އަންނަ ފަރާތްތަކަށް ބޮޑެތި ފައިސާގެ އިނާމްތަކެއް ދޭ ރޭހެކެވެ. މިގޮތުން މިއަހަރުގެ ރޭހުގެ ވަނަތަކަށް ހޮވޭ ފަރާތްތަކަށް ޖުމްލަ 256،000 ރުފިޔާ ދިނުމަށް ދިރާގުން ވަނީ ނިންމާފަ އެވެ.

ޑީއެމްއާރްއާރް އަކީ ވޯލްޑް އެތުލެޓިކްސް ސަޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިންގ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ.