މާ ގިނައިން މޮބައިލް ފޯނު ބޭނުން ކުރުމަކީ ސިކުނޑީގެ ކެންސަރަށް މަގުފަހިވާ ކަމެއް ކަމަށް ކުރީގެ ދިރާސާތަކުން ވަނީ ދައްކާފަ އެވެ.

އެހެން ނަމަވެސް މޮބައިލް ފޯނު ބޭނުން ކުރުމާއި ސިކުނޑީގެ ކެންސަރާ އެއްވެސް ގުޅުމެއް ނުވާކަން އޭގެ ފަހުން ހެދި 63 ދިރާސާއަކުން އެނގިފައިވެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ބެލުމުގެ ދަށުން އެކި ފަހަރު މަތިން ހަދާފައިވާ ދިރާސާތައް އަލުން މުތާލިއާ ކުރެވުނުއިރު ވަޔަލެސް ޓެކްނޮލޮޖީގެ ސަބަބުން ކެންސަރު ކޭސްތަކުގެ އަދަދު އިތުރުނުވާކަން ފާހަގަވެފައިވެ އެވެ.

އޮސްޓްރޭލިއާގެ މާހިރުން އިސްކޮށް ތިބެ ކޮށްފައިވާ މި ރިވިއުގައި ސިކުނޑީގެ ކެންސަރުގެ އިތުރުން ވެސް އެކި ކަހަލަ ކެންސަރުތަކަށް ބަލާލާފައިވެ އެވެ.

"ދިރާސާގައި ބެލި އެއްވެސް ކަމަކުން ކެންސަރު ޖެހެން ފުރުސަތު ބޮޑުވާކަން ހާމަވެފައެއް ނުވޭ" އެ ރިވިއުގައި އިސްކޮށް ހަރަކާތްތެރިވި ޕްރޮފެސަރު މާކް އެލްވުޑް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މިހާރު ބޭނުން ކުރެވޭ ގިނަ ފޯނުތަކަކީ 5ޖީ ނުވަތަ 4ޖީ ޓެކްނޮލޮޖީގެ ފޯނުތަކަށްވުމުން އެއިން ކެންސަރު ޖެހުމުގެ ފުރުސަތު އިތުރަށް ހަނިވެފައިވާ ކަމަށެވެ.

މި ރިވިއު ދިރާސާއިން އެނގިގެންދަނީ މޮބައިލް ފޯނުން ސިކުނޑީގެ ކެންސަރަށް މަގުފަހި ނުވާކަން ކަމުގައި ވިޔަސް މާ ގިނައިން މޮބައިލް ފޯނު ބޭނުން ކުރުމަކީ ސިއްހީ އެހެނިހެން މައްސަލަތަކަށް މަގުފަހިވާނެ ކަމެއް ކަން ދިރާސާވެރިން ފާހަގަކުރި އެވެ.