ފުޅާ ދާއިރާއެއްގައި މާލޭގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރި ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ޓާސްކު ފޯސް އަށް ލިބުނު މައުލޫމާތެއްގެ އަލީގައި، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން، މިއަދު ވަނީ ހާއްސަ ރެއިޑެއް ކުރިއަށް ގެންގޮސްފައި ކަމަށެވެ. މި ރެއިޑުގައި ގަވާއިދާ ހިލާފަށް، ފުޅާދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދާ ފަސް ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ އެ މީހުންގެ އަތުން އެތައް ލައްކަ ފައިސާއާއި ގިނަ އަދަދެއްގެ ކްރެޑިޓް ކާޑު ފެނިފައިވާ ކަމަށެވެ.

"މި މައްސަލައާ ގުޅިގެން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރެވެމުން އަދި އިތުރު ތަފްސީލު ފަހުން ހިއްސާކުރާނެ ވާހަކަ ދަންނަވަން،" އިމިގްރޭޝަނުން ބުންޏެވެ.

ގަވާއިދާ ހިލާފަށް ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރުމަކީ ރާއްޖޭގައި ބޮޑުވެފައިވާ މައްސަލައެކެވެ. މިކަމުގައި އިސްކޮށް އުޅެނީ ބިދޭސީންނެވެ.