ބޮލީވުޑްގެ މަގުބޫލު ތަރި ދީޕިކާ ޕަޑްކޮން ވިހަން މުމްބާއިގެ ހޮސްޕިޓަލެއްގައި އެޑްމިޓްވެއްޖެ އެވެ.

ދީޕިކާ އެޑްމިޓް ވެފައިވަނީ އިއްޔެ ހަވީރުކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.

އަލަތު ދަރިފުޅަށް މަރުހަބާ ކިޔުމަށް ތައްޔާރުވަމުންދާ ދީޕިކާއާއި ފިރިމީހާ ރަންވީރު ސިންގްގެ ކާރު ހޮސްޕިޓަލަށް ވަނުމުން ޕަޕަރާޒީން ވަނީ ވީޑިއޯކޮށްފަ އެވެ. އެމީހުން ހޮސްޕިޓަލަށް ގޮސްފައިވަނީ އާއިލާއާ އެކު އެވެ.

ހުކުރު ދުވަހު މި ދެތަރިން މުންބާއީގައި ހުންނަ ފައްޅިއަކަށް އާއިލާއާއެކު ދިޔަ މަންޒަރު ވަނީ ފެނިފަ އެވެ.

ދީޕިކާއާއި ރަންވީރު ދަނީ އެމީހުންގެ އާ އެޕާޓްމެންޓަށް ބަދަލުވުމަށްވެސް ތައްޔާރުވަމުންކަމަށް ރިޕޯޓްތައް ބުނެ އެވެ. ބަންޑްރާ ގައި ހުންނަ އެ އެޕާޓްމަންޓް ހުންނަނީ ޝާހުރުކްހާންގެ ގެ މަންނަތު ކައިރީގައި އެވެ.

ބޮލީވުޑްގެ މި ދެ ތަރިން ލޯބީގެ ގޮތުން ގުޅުނީ 2013 ވަނަ އަހަރު އެމީހުން އެކުގައި ކުޅުނު ފިލްމު ރާމް ލީލާގެ ޝޫޓިންގެ ތެރެއިންނެވެ. އެމީހުންނަށް ދަރިއަކު ލިބެން އުޅޭކަން އިއުލާންކޮށްފައިވަނީ ފެބްރުއަރީ މަހު އެވެ.