މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްއާއި އޭނާގެ ގާތް ރަހުމަތްތެރިޔާ، އެމެރިކާގެ ފުޓުބޯޅަ ކުޅުންތެރިޔާ ބްރިޓްނީ މެހޯމްސް ސުލްހަ ވެއްޖެ ކަމަށް ހަބަރުތައް ބުނެފި އެވެ.

ޓޭލާއާއި ބްރިޓްނީގެ މެދުގައި ނުތަނަވަސްކަން އުފެދުނީ އެމެރިކާގެ ރިޔާސީ ކެނޑިޑޭޓް ޑޮނަލްޑް ޓްރަމްޕްއަށް ތާއީދުކޮށް އާއްމުކުރި ޕޯސްޓުތަކަކަށް ބްރިޓްނީ ލައިކް ދިނުމުންނެވެ. ޓޭލާއަކީ ފާޅުގައި ޓްރަމްޕްއަށް ފާޑުކިޔައި އޭނާގެ ސިޔާސަތުތަކާ ދެކޮޅު ތަރިއެކެވެ.

މި ނުތަނަވަސްކަން އިތުރަށް ބޮޑުވެ އެ ދެމީހުން އެކަކު އަނެކަކާ ވާހަކަ ދެއްކުން ވެސް ދުވަސްކޮޅަކަށް ހުއްޓާލި ކަމަށް ހަބަރުތައް ބުނެފައިވެ އެވެ.

އެހެން ނަމަވެސް މިފަހުން އޮތް އެމެރިކާގެ ފުޓުބޯޅަ ލީގެއްގައި އެ ދެމީހުން އެކުގައި ވަނީ ފެނިފަ އެވެ. އެއާއެކު ދެމީހުން ސުލްހަވީ ކަމަށް މީޑިއާގައި ވާހަކަ ދެކެވެން ފެށި އެވެ.

އެ ފެނިލުމުގައި އެކަކު އަނެކަކުގެ ކައިރީގައި ޓޭލާއާއި ބްރިޓްނީ އިށީންދެގެން ތިބިއިރު މެޗުގެ ވަކި ހިސާބަކުން ދެމީހުން ބައްދާލާ މަންޒަރުވެސް ފެނުނެވެ.

އެ މެޗުގައި ޓޭލާއާއި ބްރިޓްނީގެ އިތުރުން ޓޭލާގެ ލޯބިވެރިޔާ ޓްރެވިސް ކެލްސް އަދި ބްރިޓްނީގެ ފިރިމީހާ ޕެޓްރިކް މެހޯމްސް ވެސް ބައިވެރިވި އެވެ.