މިނިސްޓްރީތަކުން ބާއްވާ އިވެންޓުތަކާއި ޖަލްސާތަކަށް ޝަރަފުވެރި މެހްމާނުން ހަމަޖައްސަވަން ޖެހޭނީ ރައީސް މުހައްމަދު މުއިއްޒުގެ ހުއްދަ ހޯއްދެވުމަށް ފަހުކަން ހުރިހާ މިނިސްޓްރީތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އަންގައިފި އެވެ.

ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފު ސޮއިކުރައްވައި މިނިސްޓްރީތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ޝަރަފުވެރި މެހްމާނެއްގެ ގޮތުގައި ވަޑައިގަތުމަށް ލިބިވަޑައިގަންނަވާ ދައުވަތު ގަބޫލު ކުރައްވަން ވާނީ ރައީސް އޮފީހަށް އެކަން ލިޔުމުން ހުށަހަޅައި ހުއްދަ ލިބުމަށް ފަހު ކަމަށެވެ. މިނިސްޓްރީ އަދި ކުންފުނިތަކުން ބާއްވާ އިވެންޓުތަކަށް ޝަރަފުވެރި މެހްމާނުން ހަމަޖެއްސުމުގެ ކުރިން ރައީސްގެ ހުއްދައެއް ހޯދަން ޖެހޭ ކަމަށް ވެސް އެ ސިޓީގައި ވަނީ ބުނެފަ އެވެ. އެ ހުއްދައަށް އެދެންޖެހޭނީ އިވެންޓު ބޭއްވުމުގެ ހަތް ދުވަސް ކުރިންކަން ވެސް އެ ސިޓީގައި ވަނީ ފާހަގަކޮށްފަ އެވެ.

ރައީސް މުއިއްޒު މިގޮތަށް އެންގި ސަބަބެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ. އެހެންނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ 2028 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓަކަށް ރައީސް މުއިއްޒު ވުމަށް ފުރުސަތު ބޮޑުކުރުމަށް ކުރިކަމެކެވެ.