އެސްޓީއޯގެ ދަށަށް ފެނަކަ ކޯޕަރޭޝަން ގެނައުމުން ފެނަކައިން ދެމުންދާ ކަރަންޓުގެ ހިދުމަތުގެ އަގަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފެނަކަ އާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި އަހްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.އެމްޑީޕީން މިރޭ ބޭއްވި "ހަވަރު ބެރު" ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުކުރީ އެ ކުންފުނީގެ "ބެލޭންސް ޝީޓް ކްލީންކޮށްލަން" ކަމަށެވެ.

ޝަރީފް ވިދާޅުވީ އެސްޓީއޯ އިން ދަރަންޏަށް ތެޔޮ ނަގައި ފެނަކައިން އެކަމުގެ އަގަށްވާ ފައިސާ ދައްކާފައިނުވާ ކަމަށެވެ. އެހެންކަމުން ސަރުކާރުން އެ ބަދަލު ގެނައީ ފިނޭންސް މިނިސްޓްރީން ކޮންމެ މަހަކު ފެނަކައަށް ފައިސާ ދިނުން ހުއްޓާލައި އެސްޓީއޯގެ އާމްދަނީން ފެނަކައަށް ހަރަދުކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުކުރުމަކީ ފެނަކައަށް އެއްވެސް ފައިދާއެއް ހުރި ކަމެއް ނޫން ކަމަށެވެ. އަދި އޭގެ ބަދަލުގައި ސްޓެލްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ފެނަކަ ހެދިނަމަ މާ ރަނގަޅުވީސް ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ފެނަކަ އާއި ސްޓެލްކޯ އަކީ އެއްބާވަތެއްގެ ޚިދުމަތް ދޭ ކުންފުނިތަކެއް. އެހެންވީމަ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހެދިނަމަވެސް މާ ރަނގަޅުވާނެ،" ޝަރީފް ވިދާޅުވި އެވެ.

ފެނަކައިގެ އެސެޓް އިވެލުއޭޝަނެއް ހަދަމުންދާތީ އެކަމާ ގުޅޭގޮތުން އޭނާ ވިދާޅުވީ ފެނަކައަކީ ރާއްޖޭގައި ހުރި އެންމެ އެސެޓް ގިނަ ކުންފުނި ކަމަށެވެ. އަދި އެއީ އެކަށީގެންވާ އާމްދަނީއެއް ވެސް ލިބޭ ކުންފުންޏެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ އެސެޓްގެ ގޮތުން ބަލާއިރު ފެނަކައަކީ ފަގީރު ކުންފުންޏެކޭ ނުބުނެވޭނެ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުކުރުމުގައި ފޮރުވިފައިވާ އެޖެންޑާއެއް އެބައޮތް ކަމަށެވެ. އެގޮތުން ފެނަކައިގެ ތިބި ވަގުތީ ހުރިހާ މުވައްޒަފުން ވަޒީފާއިން ވަކިކޮށްލާނެ ކަމަށާއި އެކަން އެގޮތަށްކޮށްފިނަމަ އެ ކުޅެވެނީ އެތަކެއް އާއިލާގެ ދިރިއުޅުމާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރަށްރަށުގެ ދިރިއުޅުމާ ގުޅިފައިވާ ކުންފުންޏެއް ފެނަކަ އަކީ،" ޝަރީފް ވިދާޅުވި އެވެ.

އެ ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް ވިދާޅުވީ އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުކުރިއިރު، އެ ކުންފުނީގެ ހިއްސާދާރުންގެ ބަހެއް ހޯދިކަން ސާފު ނުވާ ކަމަށެވެ.

އެސްޓީއޯގައި ރައްޔިތުންގެ 18 ޕަސެންޓް ހިއްސާ އޮންނައިރު، އެ ނިންމުމާ ގުޅިގެން އެސްޓީއޯގެ ހިއްސާދާރުންނަށް އަހަރީ ފައިދާއިން ބައި ރުފިޔާ ވެސް ލިބިދާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށް ނާޒިލް ވިދާޅުވި އެވެ.