ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލައިފި އެވެ.

ޔޫތު މިނިސްޓްރީން ބުނީ ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ މިމަހުގެ 19 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އެޕްލިކޭޝަން ބަލައިގަތުން ހަމަޖެހިފައި ވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 2:00 އަށް ޔޫތު މިނިސްޓްރީން ބުނެ އެވެ. އަދި ރަށްރަށުން އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން މިނިސްޓްރީގެ މެއިލް [email protected] މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ޔޫތް މިނިސްޓްރީން ބުނެ އެވެ.

ޔޫތު މިނިސްޓްރީއިން އިތުރަށް ބުނީ އެޕްލިކޭޝަން ހުށަހަޅާނީ ގޫގުލް ލިންކް ނުވަތަ ޔޫތް މިނިސްޓްރީ (ސޯޝަލް ސެންޓާ) އިން ކަމަށެވެ.

ޒުވާނުންގެ އިނާމަކީ ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އިނާމެކެވެ. މި އިނާމަކީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދޭ އިނާމެކެވެ.

ޔޫތު މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ ކުރިން އެޕްލިކޭޝަން ފުރިހަމަކޮށް ހުށަހަޅާފައިވާ މީހުން އަލުން އެޕްލިކޭޝަން ހުށަހަޅަން ނުޖެހޭނެ ކަމަށް ބުނެފަ އެވެ.

މި އަހަރު ޒުވާނުންގެ އެވޯޑުގެ ގޮތުގައި ތަފާތު 17 ދާއިރާއަކުން އިނާމު ދިނުމަށް ވަނީ ކަނޑައަޅާފަ އެވެ.

މި އަހަރު ޒުވާނުންގެ އިނާމު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތައް

  1. ވިޔަފާރިއާއި އިގުތިސާދު
  2. އާޓްސް އެންޑް ކަލްޗާ - ފަންނުވެރިކަމާއި ސަގާފަތްދިރުވުން
  3. މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުން
  4. ދަރުމަވެރިކަން
  5. ވޮކޭޝަނަލް ޓްރެއިނިން – ދަސްކޮށްދިނުން
  6. ނަފްސާނީގޮތުން ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން
  7. ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްކުރުން
  8. މަސްވެރިކަމުގެ ދާއިރާ
  9. ދަނޑުވެރިކަމުގެ ދާއިރާ
  10. މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް މަސައްކަތްކުރުން
  11. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށް މަސައްކަތްކުރުން
  12. ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން
  13. ހަށިހެޔޮ ދުޅަހެޔޮ ސިއްޙަތެއް ބިނާކުރުމަށް މަސައްކަތްކުރުން
  14. ދިވެހިބަސް ދިރުވުމަށް މަސައްކަތްކުރުން
  15. ކުޅިވަރުގެ ދާއިރާއިން – ކުޅިވަރުގެ ދާއިރާއިން އާދަޔާއި ޚިލާފް ހުނަރެއްދައްކާފައިވާ ފަރާތަކަށް
  16. ފަންނިއްޔާތުގެ ދާއިރާ
  17. ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާ

ޒުވާނުންގެ ދުވަސް މި އަހަރު ފާހަގަކުރުމަށް ހަމަޖެހިފައި ވަނީ އޮކްޓޫބަރު 22 ވަނަ ދުވަހު އެވެ.