ސަސްޕެންޑްކޮށްފައި ތިއްބެވި ޔޫތު މިނިސްޓްރީގެ ދެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަރިޔަމް ޝިއުނާ އާއި މަލްސާ ޝަރީފް އެ މަގާމުން އިސްތިއުފާދެއްވައިފި އެވެ.

އެ ދެ މީހުން އިސްތިއުފާދެއްވިކަން "ހުރިހާ" އަށް ވަނީ ކަށަވަރުވެފަ އެވެ.

މަލްޝާ އަދި ޝިއުނާ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ ސަސްޕެންޝަނުގައި ތިއްބަވައިގެން މުސާރަ ނަންގަވާތާ އަށް މަސްވެފައިވަނިކޮށެވެ. މި މުއްދަތުގައި އެއިން ކޮންމެ މީހަކު މުސާރައިގެ ގޮތުގައި ޖުމްލަ 252،000ރ. ވަނީ ނަންގަވާފަ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތްކުރި މައްސަލާގައި ޝިއުނާ އާއި މަލްސާގެ އިތުރުން އެ މިނިސްޓްރީގެ ނައިބު މަހުޒޫމް މާޖިދު ސަސްޕެންޑުކޮށްފައިވަނީ 7 ޖެނުއަރީގަ އެވެ. މަހުޒޫމް އަދިވެސް ހުންނެވީ އެ މަގާމުގަ އެވެ.

ސޯޝަލް މީޑިއާގައި މޯދީއަށް ފުރައްސާރަކުރި މައްސަލައިގައި ރާއްޖެއާއި އިންޑިއާގެ ގުޅުންވެސް ހީނަރުވެގެން ދިޔަ އެވެ. އެކަމާއި ގުޅިގެން ބޮލީވުޑްގެ މަޝްހޫރު ތަރިން ހިމެނޭގޮތަށް، ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓްކުރުމަށް ގޮވާލާ ބޮޑު ކެމްޕޭނެއްވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޝިއުނާ އަދި މަލްޝާއަކީ ރައީސް މުއިއްޒު މޭޔަރުކަމުގައި ހުންނެވި ދުވަސްވަރުން ފެށިގެން ރައީސް މުއިއްޒުގެ އަރިސް ދެމީހުނެވެ. ފުރަތަމަ ޕީޕީއެމް ތެރެއިން ރައީސް މުއިއްޒު ވެރިކަމަށް ކުރިމަތި ލެއްވުމަށްވެސް ފާޅުގައި ކެމްޕޭންކުރެއްވީ ޝިއުނާއާއި މަލްޝާ އެވެ.