މިއަދު ހެނދުނު ޒަހަމްތަކަކާއެކު އަންހެނަކު ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު މައްސަލަ ތަހުގީގު ކުރަން ފުލުހުންގެ ހާއްސަ ތަހުގީގު ޓީމެއް އެ ރަށަށް ފުރައިފި އެވެ.

ހޮޅުދޫގައި ޒަހަމްތަކަކާ އެކު 50 އަހަރުގެ އަންހެނަކު އޮތް ކަމަށް ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. ފުލުހުން ބުނި ގޮތުގައި، އެ ރަށު ސިއްހީ މަރުކަޒުން އެ މީހާ މަރުވެފައިވާކަން ކަށަވަރުކޮށްދީފައިވެ އެވެ.

މަރުވެފައި އޮއްވާ ފެނުނުނީ ހޮޅުދޫ މާރަނގަ، ޒަކިއްޔާ މުސާ އެވެ. އޭނާގެ ކަރުގައި ވަޅި އަޅާފައި އޮއްވައި ފެނުނީ މިއަދު ހެނދުނު އޭނާ ދިރިއުޅޭ ގޭގެ ގުދަނެއްގެ ކައިރިންކަމަށް އެ ރަށުން ވާހަދެއްކި މީހަކު "ހުރިހާ" އަށް ބުންޏެވެ. އެގޭގައި ދިރިއުޅެނީ އޭނާ އާ އޭނާގެ ފިރިމީހާގެ އިތުރުން ދޮށީ ދަރިއާ، ދަނބިދަރި އަދި މާމަ ދަރިންނެވެ.

އެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ މައްސަލަ ތަހުގީގު ކުރުމަށް މާލެ އިން ހާއްސަ ތަހުގީގު ޓީމެއް މިހާރު ހޮޅުދުއަށް ފުރާފައިވާ ކަމަށެވެ.