މާލެ އާއި ހުޅުމާލޭގައި ދާދިފަހުން ކައިރިކައިރީ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާފައިވާތީ، މަގުމަތި ރައްކާތެރި ކުރުމުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ޓެކްނިކަލް ކޮމިޓީއެއް އުފައްދަން ސަރުކާރުން ނިންމައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ސޮއިކުރައްވައި ކަމާބެހޭ ހުރިހާ އިދާރާއަކަށް ވަނީ އެ ކޮމިޓީ ހަދަން ނިންމިކަން އެންގުމުގެ ގޮތުން ސިޓީއެއް ފޮނުވާފަ އެވެ.

އަމީން ފޮނުވި ސިޓީގައި އެދިފައި ވަނީ އެ އިދާރާއަކުން އެ ކޮމިޓީގައި ހިމެނުމަށް ހިމަނަން ފެންނަ ޓެކްނިކަލް ދެ ބޭފުޅެއްގެ ނަން މާދަމާ މެންދުރުފަހު 14:00ގެ ކުރިން ފޮނުވައިދިނުމަށެވެ.

އެ ކޮމިޓީގައި ހިމަނާ އިދާރާތައް

  • އިކޮނޮމިކް މިނިސްޓްރީ
  • ދިވެހި ފުލުހުންގެ ހިދުމަތް
  • އެޓާނީ ޖެނެރަލްގެ އޮފީސް
  • މާލޭ ސިޓީ ކައުންސިލް
  • ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން

އެ ސިޓީގައިވާ ގޮތުން އެ ކޮމިޓީން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކަކީ ޓްރެފިކްގެ ކަންތައްތައް ހަރުދަނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވި ކަންކަމާ ގުޅޭ ގޮތުން ވަގުތުން ވަގުތަށް އެޅެން ހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ކަނޑައެޅުމެވެ.

ޓްރެފިކްގެ މައްސަލަތަކާ ގުޅިގެން ހަރުދަނާ ކުރަންޖެހޭ ކަންކަން ހަރުދަނާކުރަން ކުރަންޖެހޭ ކަންކަން ކުރުމަށް ރައީސް މުއިއްޒު ކަމާބެހޭ އިދާރާތަކަށް އެންގެވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސްޕޯޓްސް ކާރެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވުމާ ގުޅިގެންނެވެ.