ވަރަށް ކުޑަ އާބާދީއެއް އޮންނަ ހދ. ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުވާން ބޭނުންވާތީ އެރަށު ކައުންސިލުން އެކަމާ ގުޅޭގޮތުން ސަރުކާރާ މަޝްވަރާކޮށްފި އެވެ.

ލޯކަލް ގަވާމެންޓް މިނިސްޓްރީއާ އިއްޔެ އެރަށު ކައުންސިލުން ވަނީ އެކަމަ ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ. ނަމަވެސް އެ މަޝްވަރާއަށްފަހު ސަރުކާރުން ވަކިގޮތެއް ނިންމާފައެއްނުވެ އެވެ.

ހިރިމަރަދޫ ކައުންސިލް މެމްބަރަކު ވިދާޅުވީ އެރަށު ރައްޔިތުން ބަދަލުވާން ބޭނުންވާ ރަށްތަކުގެ ތެރޭގައި ކ. ތުލުސްދު އާއި ހދ. ހަނިމާދޫ ހިމެނޭ ކަމަށެވެ.

ކައުންސިލް މެމްބަރު ވިދާޅުވީ އެރަށުގައި ދިރިއުޅެގެން ދަރީންނަށް ފަހި މުސްތަގުބަލެއް ހޯދައިދެވެން ނެތް ކަމަށެވެ.

"މި ރަށު ސްކޫލްގައި ތިބެނީ ޖުމްލަ 50 ކުދިން. ކުދިން މަދުވީމަ ރަނގަޅު ޓީޗަރެއް ނުލިބޭ. ރަށުން ރަނގަޅު ފެންވަރެއްގެ ތައުލީމެއް ނުލިބޭ. ދެން ކޮބައިތޯ އަޅުގަނޑުމެން މި ރަށުގައި ތިބުމުގެ ބޭނުމަކީ،" އޭނާ ކިޔައިދިނެވެ.

އޭނާ އެރަށު ސިއްހީ މަރުކަޒަށް ބަލިވެގެން ޑޮކްޓަރަށް ދައްކަނީ ވެސް ވަރަށް މަދުން ކަމަށެވެ. އެހެންވެ ސިއްހީ މަރުކަޒުގެ މުވައްޒަފުން ކުރާނެ މަސައްކަތެއް ނެތިފައި ތިބޭ ދުވަސްތައް ވެސް އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ހދ. އަތޮޅުގެ ބައެއް ރަށްތަކުން މީގެ ކުރިން ވެސް ބައެއް މީހުން ބަދަލުކޮށްފައިވެ އެވެ. އެއީ އެ އަތޮޅު ފަރިދު އާއި ކުނބުރުދު އާއި މާވައިދޫ ރައްޔިތުންނެވެ. އެ ރައްޔިތުން ބަދަލުކުރީ އެއަތޮޅު ހަނިމާދު އާއި ނޮޅިވަރަންފަރަށެވެ.