ބިދޭސީން ދިރިއުޅޭ ތަންތަން ބަލައި ފާސްކުރުމަށް، މޯލްޑިވްސް އިމިގްރޭޝަނުން ހާއްސަ އޮޕަރޭޝަނެއް މާލެ ސަރަހައްދުގައި ފަށައިފި އެވެ.

އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް، ރައީސް މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ނުގަވާއިދުން އުޅޭ ބިދޭސީން ދިރިއުޅޭ ތަންތަނާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް މާލެ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.

އެ އޮޕަރޭޝަންގައި އިއްޔެ މާލޭގެ ތިން ގެއެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅޭ 13 ބިދޭސީއަކު ހިފަހައްޓާފައި ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުން އަންނަ ތަންތަނާއި އާންމު ރައްކާތެރިކަމަށް ބެލުމެއް ނެތި ބިދޭސީން ދިރިއުޅެމުންދާ ތަންތަން ބަލައި ފާސްކުރުމަށް ހަމަޖެހިފައިވާކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

އިމިގްރޭޝަނުން ވަނީ އެފަދަ ތަންތަން ބިދޭސީންނަށް ކުއްޔަށް ދީފައިވާ މީހުންނާ މެދުގައި ވެސް ފިޔަވަޅު އަޅާނެކަމަށް ބުނެފަ އެވެ. މީގެ އިތުރުން އެ އިދާރާއިން ބުނީ ރާއްޖޭގައި ހުރުމުގެ ހުއްދަ ނެތް އެއްވެސް ބިދޭސީއަކު ރާއްޖޭގެ އެއްވެސް ތަނެއްގައި ބަހައްޓައި، އާންމު ސަލާމަތަށް ނުރައްކާވާ ގޮތަށް އެމީހުންނަށް ކަންކަން ހަމަޖައްސައިދޭ ނަމަ، އެ ބަޔަކާ މެދުގައި އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

މި އޮޕަރޭޝަންގައި މާލެ ސަރަހައްދުގައި ބިދޭސީން ދިރިއުޅޭ ހުރިހާ ތަނެއް ބަލައި ފާސްކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ހާމަކޮށްފަ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހުއްޓުވުމަށް އިމިގްރޭޝަނުން ކުރާ މަސައްކަތުގައި މިހާތަނަށް 3،000 އެއްހާ ބިދޭސީން ވަނީ ޑީޕޯޓްކޮށްފަ އެވެ.