ވެރިކަން ކުރާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އެތެރޭގެ އިންތިހާބު ގައި އެ ޕާޓީގެ ކޯލިޝަން ޕާޓީ ޕީޕީއެމްގެ މެންބަރުންނަށް ވޯޓު ނުލެވޭނެކަމަށް ބުނެފި އެވެ.

އަންނަ މަހު 19 ގައި ޕީއެންސީގެ އެތެރޭގެ އިންތިހާބު ބޭއްވުމަށް ނިންމާ މަގާމުތަކަށް ކުރިމަތިލުމަށް މިއަދު ވަނީ ހުޅުވާލާފަ އެވެ.

ޕީއެންސީގެ އޮފީހުގައި އެ ޕާޓީގެ އިންތިހާބީ ކޮމިޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އިންތިހާބާ ގުޅޭ ގޮތުން ވަނީ މައުލޫމާތު ހިއްސާކޮށްފަ އެވެ.

ނިމިދިޔަ މަޖިލިސް އިންތިހާބުގައި ޕީޕީއެމް-ޕީއެންސީގެ ފަރާތުން ވާދަ ކުރި މެންބަރުން ކުރިމަތިލާފައި ވަނީ ޕީއެންސީގެ ޓިކެޓުގަ އެވެ. އެ ޕްރައިމަރީގައި ޕީޕީއެމް މެމްބަރުންނަށް ވެސް ވޯޓުލުމުގެ ފުރުސަތު ވަނީ ދީފަ އެވެ.

ނަމަވެސް މިފަހަރު އެ ފުރުސަތު ޕީޕީއެމްގެ މެންބަރުންނަށް ނުދިނުމަށް ޕީއެންސީން ވަނީ ނިންމާފަ އެވެ. އެކަމާއި ގުޅޭގޮތުން މީޑިއާއަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީއެންސީގެ މަނަދޫ ދާއިރާގެ މަޖިލިސް މެންބަރު ހުސްނީ މުބާރަކު ވިދާޅުވީ މިއީ ޕީއެންސީގެ އެތެރޭގެ އިންތިހާބެއް ކަމަށާއި އެހެންކަމުން ޕީއެންސީގެ މެންބަރަކަށް ނޫން ފަރާތަކަށް ވޯޓް ނުލެވޭނެ ކަމަށެވެ.

މި އިންތިހާބަކީ މިހާތަނަށް ޕާޓީއަކުން ބާއްވާނެ އެންމެ ބޮޑު އެތެރޭގެ އިންތިހާބަށް ވާނެކަމަށާއި އިންތިހާބުގައި ޖުމްލަ 2،095 މެންބަރުން ޕާޓީގެ އެކި މަގާމުތަކަށް އިންތިހާބު ކުރާނެކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ހުރިހާ ކަމަކަށްވެސް ބޭނުންކުރެއްވީ ޕީޕީއެމް އާއި އެޕާޓީގެ މެންބަރުންނެވެ. އޭރު އެއީ ޕީޕީއެމް-ޕީއެންސީ ކޯލިޝަން އެވެ. ނަމަވެސް މިހާރު ޕީޕީއެމްގެ ހުރިހާ މެންބަރުން 3400 މެންބަރުން ތިބި ޕީއެންސީއަށް ބަދަލުވުމަށް މަޖުބޫރުކުރުވާ، ޕީޕީއެމްއާއި އެޕާޓީއަށް ލޯބިކުރާ މެންބަރުން ތިބީ ބާކީކޮށްފަ އެވެ. މިހާރު ޕީއެންސީގެ ލީޑަޝިޕުންދަނީ ޕީޕީއެމްގެ ހުރިހާ މެންބަރުން ޕީއެންސީއަށް ބަދަލުކޮށް އެ ޕާޓީއަކީ އެންމެ ބޮޑު ޕާޓީއަށް ހެދުމަށް މައްސަކަތްކުރަމުންނެވެ.