ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލީގަލް ސެކްރެޓަރީ އައްބާސް ޝަރީފް އެ މަގާމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހަށް އެމަނިކުފާނު ފޮނުއްވައިފި އެވެ.

އައްބާސްގެ އިތުރުން ޕީޖީ ކަމަށް ދެން ކުރިމަތިލެއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަދި ކުރީގެ ޑެޕިއުޓީ ޕީޖީ މަރިޔަމް ނިހާޔަތު އާއި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަދި ޕީޖީ އޮފީހުގެ ކުރީގެ ވަކީލު އަހްމަދު ހައިލަމެވެ.

އައްބާސް ޕީޖީ ކަމަށް އައްޔަން ކުރުމާ މެދު ގޮތްތަކެއް ނިންމަން މިރޭ މަޖިލީހުގެ ޖަލްސާއެއް ބާއްވާނެ އެވެ.

އައްބާސަކީ ހައިކޯޓުގެ ކުރީގެ ފަނޑިޔާރެކެވެ. އޭނާ ވަނީ ޔުނިވާސިޓީ އޮފް ޓެސްމޭނިއާ އިން ގާނޫނީ ދާއިރާ އިން މަތީ ތައުލީމު ހާސިލުކުރައްވާފައިވަ އެވެ. އޭނާ އަކީ ރާއްޖޭގައި ފާހަގަކޮށްލެވޭ ތަޖުރިބާކާރު ވަކީލެކެވެ.

ޕީޖީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހުސެއިން ޝަމީމްގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހުގެ 22 ދުވަހުގެ ރޭ ފާސްކުރުމުންނެވެ. މަޖިލީސްގެ ޖަލްސާ ކުރިއަށްދިޔަ ވަގުތު ޝަމީމް ވަނީ އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް ފޮނުއްވިކަން ހާމަކުރައްވާފަ އެވެ. ނަމަވެސް އިސްތިއުފާގެ ސިޓީ ނުލިބޭ ކަމަށް ރައީސް އޮފީހުން ވަނީ މަޖިލީހަށް މައުލޫމާތު ދީފަ އެވެ.