މިނިވަން ނޫސްވެރިކަން ނައްތާލަން ސަރުކާރުން ކުރަމުންދާ މަސައްކަތް ކާމިޔާބުނުވާނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕަސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒް މިފަދައިން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް ފައިސާ ބަހާކަމަށް ބުނެ ފައިސާ ބަހާކަމުގެ ހެކި ހިމެނޭ ވީޑިއޯ ޑޮކިއުމެންޓްރީއެއް "އަދަދު" ނޫހުން ނެރުމުން އެ ނޫހާ މެދު ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން އިއުލާން ކުރުމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ފައްޔާޒް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ހަގީގަތާ ހިލާފު އެތަކެއް ވާހަކަތަކުގެ މައްޗަށް ބިނާވި ފިތުނަވެރި ދޮގު ކެމްޕޭނަކުން ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުގެ ނާގާބިލުކަން ފޮރުވުމަށް ދޮގު މައްޗަށް ދޮގު ހެދި ނަމަވެސް ކަންކަމުގެ ހަގީގަތް ހާމަވާނެ ކަމަށެވެ.

"މައުލޫމާތު ހާމަކުރުމާއި ނޫސްވެރިކަމަށް ފުރުސަތު ދިނުމަކީ ހުދުމުހުތާރު ވެރިން ބޭނުންވާ ކަމެއް ނޫން. ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ މިނިވަން ނޫސްވެރިކަން ނައްތާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ކާމިޔާބެއް ނުވާނެ،" ފައްޔާޒް ވިދާޅުވި އެވެ.

ކޮންމެ ކަމެއްގައި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެ އިންޒާރު ދިނުން ފިޔަވައި އިތުރު ކަމެއް މި ސަރުކާރަށް ނުކުރެވޭ ކަމަށާއި ނޫސްވެރިންނަށް ބިރު ދައްކައި ނޫސްވެރިކަމަށް ހުރަސް އެޅުން ކުށްވެރިކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ރައީސް މުއިއްޒުގެ ގެކޮޅު މ. ދިންމާތުން ވަރަށް ބަރު ކަޅު ދަބަހެއް ހިފައިގެން ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ ޕީއެންސީގެ އޮފީހަށް ވަންނަ މަންޒަރު ފެންނަ ވީޑިއޯއެއް "އަދަދު" ނޫހުން ހާމަކުރި ޑޮކިއުމެންޓްރީގައިވެ އެވެ.

އެ ޑޮކިއުމެންޓްރީގައި "އަދަދު" ނޫހުން ހާމަކުރިގޮތުގައި ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް ކޮންމެ މަހަކު ފައިސާ ދެނީ ރައީސް މުއިއްޒުގެ އެންގެވުމަށް ކަމަށް އެ ޕާޓީގެ ބައެއް މަޖިލިސް މެމްބަރުން އެ ނޫހަށް ކިޔައިދެއްވާފައިވާ ކަމަށެވެ. އެގޮތުން ކޮންމެ މެމްބަރަކަށް މި މަހު 75،000 ރުފިޔަ ބަހާފައިވާ ކަމަށް ޕީއެންސީގެ މަޖިލިސް މެންބަރުންނާ ހަވާލާދީ އަދަދު ނޫހުން ބުންޏެވެ.