ބަރަހަނާ ފޮޓޯ އާއި ވީޑީއޯ ހިއްސާކުރަމުންގެންދިޔަ ޓެލެގްރާމް ޗެނަލްތަކަށް ވަދެ ތިބި މީހުން ހޯދައި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ޓެލެގްރާމްގައި ހިންގަމުންދިޔަ އެފަދަ ނުވަ ޗެނަލެއް ހިފަހައްޓައި މި މަހުގެ 9 ވަނަ ދުވަހު ވަނީ އެ ޗެނަލްތަކާ ގުޅުންހުރި ތިން މީހުން ހައްޔަރުކޮށްފަ އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ހެޑް އޮފް ސައިބާ ކްރައިމް ސެންޓަރު، ސުޕްރިޑެންޓް އޮފް ޕޮލިސް މުހައްމަދު ސަލީމް ވިދާޅުވީ އެ ޗެނަލްތަކަށް ވަދެފައި ތިބި މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ފުލުހުން ބުނީ އެފަދަ ފަރާތްތަކަށް ފިޔަވަޅު އަޅަން ގާނޫނީ އޮނިގަނޑެއް އެބައޮތް ކަމަށެވެ.

މިކަމުގައި އެކި ގޮތްގޮތުން ބައިވެރިވި މީހުނަށް ފިޔަވަޅުއަޅަން އެއްވެސް ވަރަކަށް ފަހަތަށް ނުޖެހޭނެކަމަށާއި އެފަދަ ފަރާތްތަކާ ދޭތެރޭގައި އަޅަން ޖެހޭ ފިޔަވަޅު ގާނޫނީ ހަމަތަކުގެ މަތިން އަޅާނެކަމަށް ސައިބާ ކްރައިމް އިންވެސްޓިގޭޓަރު އަޒީފް އައްބާސް ވިދާޅުވި އެވެ.

މި ޗެނަލްތަކަށް ފައިސާ ދައްކައިގެން 34،680 މީހުން ވަދެފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ. ޗެނަލަށް ސަބްސްކްރައިބް ކޮށްފައިވާ މީހުންގެ އަތުން 2 މިލިއަނެއްހާ ރުފިޔާގެ އާމްދަނީއެއް އެމީހުންވަނީ ނަހަމަ ގޮތުގައި ހޯދާފަ އެވެ.

ދިވެހިންނާއި ބޭރު މީހުން އަދި ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ޕޯސްޓުކުރުމަށް، އެ ނުވަ ޗެނަލާއި އެހެނިހެން ޗެނަލްތައް ވެސް ހިމެނޭ ގޮތަށް 43 ޗެނަލް ހިންގާފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެ އެވެ.