މަޖިލިސް މެމްބަރުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ފައިސާ ދޭ ކަމަށް ބުނެ އަދަދު ނޫހުން ޑޮކިއުމެންޓްރީއެއް އާންމުކުރުމުން ސަރުކާރުން ތުރުތުރު އަޅަނީ އެއީ ދެތަކަށް ވުމުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީއެންއެފް އިން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ނޫސްވެރިންނަކީ އެމީހުންނަށް ލިބޭ މައުލޫމާތުތައް ރައްޔިތުންނާއި ސަރުކާރުގެ ސަމާލުކަމަށް ގެންނަ ބައެއްކަމަށެވެ.
ޔާމީން ވިދާޅުވީ ގައުމީ ސަލާމަތައް ނުރައްކާވާ ކަންކަމުގައި ނުވަތަ ނަފްރަތު އޭގައި ހިމެނޭ ވާހަކަ ދައްކައި ޓެރަރިޒަމަށް މަގުފަހިވާ ކަންކަން ނޫހަކުން ޝާއިއުކުރާ ޚަބަރެއްގައި ހުރެގެން ނޫނީ މިނިވަން މުޖްތަމައެއްގައި ފިޔަވަޅު އަޅާ ހިސާބަށް ނުދާކަމަށެވެ.
"މިހާރު އަޅުގަނޑުމެންނަށް މި އިވެނީ އަދަދު ނޫހުން މި ވާހަކަ ދައްކާ މިކަހަލަ ކަންކަން ކުރަން ފެށީމާ، ފުރަތަމަ މި ނިކުންނަނީ ސަފުސަފަށް މަޖިލިސް މެމްބަރުން ތުހުމަތު ކުރެވޭ މީހުން، އުނހޫ ތިމަންނާމެންނަށް އެއްޗެއް ނުލިބޭ. ދެން އަޅުގަނޑު ހިތައް އަރަނީ އެ އިންޓަވިޔު ދެއްވާ ބޭފުޅުންނަށް އެެއްޗެއް ނުލިބެނީއޭ. ދެން އިންޓަވިޔު ނުދެއްވަންޏާ އޭގެ ފްލިޕް ސައިޑަކީ އެއްޗެއް ލިބެނީއޭ. އެހެންވެގެންތާ އަރާ އެއްޗެއް ނުލިބެޔޭ ބުނަން ނުކެރެނީ. އެހެންވީމާ އުނދަގޫ މައްސަލައެއްް،" ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ނޫހެއްގައި އެ ވާހަކަ ލިޔުނީމަ، އެ ލިޔާ ވާހަކައިގައި އެއްވެސް ކަހަލަ އޮއްޓަރެއް ނެތްނަމަ އެހާ ބޮޑަށް ތުރުތުރު އަޅާފައި އެވާހަކައަށް ރިއެކްޓް ނުކުރާނެ ކަމަށެވެ.
އަދަދު ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީގައި ޕީއެންސީގެ މަޖިލިސް މެންބަރަކު ރައީސް މުއިއްޒުގެ ގެކޮޅުކަމަށްވާ ދިމްޔާތުން ދަބަހެއް ހިފައިގެން ގޮސް ޕީއެންސީ އޮފީހަށް ވަންނަ މަންޒަރު ފެނެ އެވެ. އޭގެ ފަހުން އެކި ފަހަރުމަތިން އެ ޕާޓީގެ މަޖިލިސް މެންބަރުން ޕާޓީ އޮފީހަށް ވަންނަ މަންޒަރުވެސް ދައްކަ އެވެ. އެ ނޫހުން ރިޕޯޓްކޮށްފައިވާގޮތުން، މެންބަރުންނަށް އެ ރޭ ޕީއެންސީ އޮފީސްތެރޭގައި ފައިސާ ބަހާފައިވެ އެވެ.