ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ނޯތު ޕޮލިސް ގުޅިގެން ނ. ވެލިދޫގައި ހިންގި މަސްތުވާތަކެތިގެ އޮޕަރޭޝަނެއްގައި ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މި ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ވެލިދޫގެ ބައެއް ގޭގެ ބަލައި ބަލައިފާސްކޮށްފައިވާކަމަށެވެ. ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށާއި އެތަކެތީގެ ވަގުތީ ބަރުދަނަކީ 1547.44 ގްރާމް ކަމަށް ފުލުހުން ބުނެ އެވެ. އޭގެ އިތުރުން 50000 އަށް ވުރެ ގިނަ ދިވެހި ރުފިޔާއާއި ޔޫއެސްޑޮލަރުވެސް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

މި އޮޕަރޭޝަނުގައި 7 މީހުން ހައްޔަރުކޮށް އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެކަކު ވަނީ ދޫކޮށްލާފަ އެވެ. ދެންތިބި 6 މީހުންގެ ތެރެއިން އެކަކު 8 ދުވަހަށް އަދި 5 މީހުން 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ބުނެ އެވެ.

8 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ އަޙްމަދު މުރުޝިދު (35އ) އެވެ. 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ޢަބްދުﷲ ނިޝާދު (26އ)، އަޙްމަދު އަޞީމް (26އ)، އަޙްމަދު ނައުޝާދު (28އ)، ޢަލީ ރަޝީދު (30އ) އަދި މުޙައްމަދު މާޢިދު (28އ) ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.