ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ތީމެޓިކް އެމްބެސެޑަރު ފޮ އެމްބިޝަންގެ މަސައްކަތްތައް ރަސްމީކޮށް ފައްޓަވައިފި އެވެ.
ކްލައިމެޓް ވަލްނަރަަބުލް ފޯރަމަކީ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރަން މަސަައްކަތްކުރާ ބައިނަލްއަގުވާމީ ފޯރަމެކެވެ.
ސީވީއެފްގެ އެމްބެސެޑަގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގެ ގޮތުން އެމަނިކުފާނު ވަނީ ބަންގްލަދޭޝަންގެ ސީވީއެފް ސްޕެޝަލް އެންވޯއި އަބްދުލް ކަލާމް އަޒާދު އާއި، ބަލްގްލަދޭޝް އެންވަޔަރަމެންޓް މިނިސްޓްރީއާއި ފޮރެސްޓް އެންޑް ކްލައިމެޓް ޗޭންޖްގެ ބޭފުޅުންނާއި ސީވީއެފްގެ ޕްރެޒިޑެންސީ އިދާރާގެ އިސް ބޭފުޅުންނާއި ދަ ގްލޯބަލް ސެންޓަ އޮން އެޑެޕްޓޭޝަންގެ ބޭފުޅުންނާ ބައްދަލުކުރައްވާ، ތިމާވެއްޓާއި ގުޅުން ހުރި ކަންކަމާއި މެދު މަޝްވަރާ ކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގައި ބަންގްލަދޭޝްގެ ސީވީއެފްގެ ޕްރެޒިޑެންސީ ސްޕެޝަލް އެންވޯއީ އަބްދުލް ކަލާމް އަޒާދު ވަނީ 2009 ވަނަ އަހަރު މި ފޯރަމް އުފައްދައި މަސައްކަތްތައް ކުރިއަށް ގެންދުވުމުގައި ރައީސް ނަޝީދު އަދާކުރައްވާފައިވާ ބުރަ ޒިންމާ ފާހަގަ ކުރައްވާ އެމަނިކުފާނަށް ތައުރީފުކުރައްވާފަ އެވެ.
ނަޝީދުގެ މައިގަނޑު އަމާޒަކީ މި އަހަރުގެ ނިޔަލަށް ޕެރިސް އެގްރިމެންޓްގައި ހިމެނޭ ކަންކަން ފުރިހަމަ ކުރުން ކަމަށާ، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭ ގޮތުން ގައުމުތައް އަހުލުވެރިކޮށް ތިމާވެއްޓާއި ރަހުމަތްތެރި ސިޔާސަތުތައް ތަންފީޒުކުރުމަށް އެމަނިކުފާނު ވިސްނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެ އެވެ.
ކްލައިމެޓް ވަލްނަރަަބުލް ފޯރަމްގެ "ތީމެޓިކް އެމްްބެސެޑަރު"ގެ މަސައްކަތާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ނަޝީދަށް މަރުހަބާ ދަންނަވައިފަ އެވެ.