މިމައްސަލާގައި ހަތަރު މީހުން ހައްޔަރުކޮށްފައިވާއިރު ދެ މީހަކު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި، އަނެއް ދެ މީހުން ވަނީ ދޫކޮށްލާފައި

މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހުުޅުމާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކޮށް ތިން ފިރިހެނުންނާއި އަންހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ދިވެހިން ކަމަށެވެ.

ޑްރަގް ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން، މި ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން އެ އެޕާޓްމަންޓު ބަލައިފާސްކުރިިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 76 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ބޭނުންކުރުމަށް ގެންގުޅޭ ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވ. ފައިވްފްލާވާ، އަޙްމަދު އަފްރާޙް (44އ) އާއި ހުޅުމާލެ، ފްލެޓް ނަންބަރު 04-ޖީ-10، އަލީ އަބްދުﷲ (48އ) 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ. ފުލުހުން އިތުރަށް ބުނީ މިމައްސަލާގައި ހައްޔަރުކުރި 43 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ އަންހެން މީހާ ޝަރުތުތަކަކާއެކު ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.