އެމެރިކާގެ ކުރީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް އަވާހަރާކޮށްލަން އަނެއްކާވެސް މަސައްކަތް ކޮށްފި އެވެ.
ޓްރަމްޕްގެ ގޮލްފް ކޯސް ކައިރީގައި ހުރި ގަސްތަކެއްގެ ތެރޭގައި އޭކޭ-47ގެ ރައިފަލެއް ހިފައިގެން ޓްރަމްޕަށް ހަމަލާދޭން މަސައްކަތްކުރި މީހާ ސީކްރެޓް ސާވިސްގެ އެޖެންޓުންނަށް ފާހަގަވެ ހަމަލާ ދިނުމާއެކު، އެ މީހާ ވަނީ ކާރެއްގައި ފިލައިގެން ގޮސްފައި ކަމަށާއި އެކަމަކު އާންމުންގެ އެހީއާ އެކު އެ ކާރު ދެނެގަނެ އޭނާ ހައްޔަރުކޮށްފައިވާ ކަމަށް އެފްބީއައި އިން ވަނީ ބުނެފަ އެވެ.
ރަސްމީ އިދާރާތަކާއި ޓްރަމްޕްގެ ކެމްޕެއިނުން ބުނި ގޮތުގައި މި ހާދިސާގައި ޓްރަމްޕަށް އެއްވެސް އަނިޔާއެއް ނުވެ އެވެ.
ސީކްރެޓް ސާވިސް އިން ބުނީ ގަސްތަކުގެ ތެރޭ ފިލާ އޮތް މީހާއަށް އަމާޒުކޮށް ސީކްރެޓް ސާވިސްގެ އެޖެންޓެއް ހަމަލާދިން ކަމަށާއި އެ މީހާ ފިލައިގެން ދިއުމުން އެތަން ފާސްކުރި އިރު އޭނާ ގެންގުޅުނު ބަޑި އާއި ދުރުމިއެއް އަދި ގޯޕްރޯ ކެމެރާއެއް ފެނިފައިވާ ކަމަށެވެ.
އެމީހާ ހަމަލާދޭން އުޅެފައިވަނީ ޓްރަމްޕް ދިރިއުޅުއްވާ ގެ އާ މާ ދުރު ނޫން ހިސާބެއްގައި ހުންނަ ފްލޮރިޑާގެ ވެސްޓް ޕާމް ބީޗުގައި ހުންނަ އޭނާގެ ގޮލްފް ކޯހުގައި ގޮލްފް ކުޅުއްވަމުން ދަނިކޮށް އެތަނުގައި ހުރި ގަސްތަކެއްގެ ތެރެއިންނެވެ.
ހަމަލާއަށް ފަހު ޓްރަންޕް ވަނީ އޭނާ ގަދަވެ ސަލާމަތުން ހުންނެވިކަން ހާމަކޮށް ސަޕޯޓަރުންނަށް އީމެއިލެއް ފޮނުއްވާފަ އެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޓްރަމްޕްއާ ވާދަކުރައްވާ ކެނޑިޑޭޓް ނައިބު ރައީސް ކަމަލާ ހެރިސް ވަނީ ޓްރަމްޕް ސަލާމަތްވުމަކީ ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށް ވިދާޅުވެފަ އެވެ. ރައީސް ބައިޑަން އާއި ނައިބު ރައީސް ކަމަލާ ހެރިސް އަށް މި ހާދިސާގެ މައުލޫމާތު ހިއްސާކުރަމުންދާ ކަމަށް ވައިޓްހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
މިފަހަރު ހަމަލާއެއް ދިނުމަށް މަސައްކަތް ކޮށްފައިމިވަނީ މިދިޔަ ޖުލައި މަހު ދޭން އުޅުނު ހަމަލާއަށް ގާތް ގަނޑަކަށް ދެމަސް ފަހުންނެވެ. އެފަހަރު ކެމްޕެއިން ރެލީއެއްގައި ވާހަކަ ދައްކަން ހުންނަވަނިކޮށް، ކައިރީގައި ހުރި އިމާރާތެއްގެ ފުރާޅުމަތީ އޮވެ ޒުވާނަކު ވަނީ ޓްރަމްޕްއަށް އަމާޒުކޮށް ބަޑި ޖަހާފަ އެވެ. އެ ހަމަލާގައި ޓްރަމްޕް ހަނި ގޮތަކަށް ވަނީ ސަލާމަތްވެފަ އެވެ.
ނޮވެމްބަރު މަހު އޮންނަ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޓްރަމްޕްއާއި ކަމަލާ ދަނީ ވާދަވެރި ކެންޕޭނެއް ކުރައްވަމުންނެވެ.