މީހަކު ރަހީނުކޮށް އިނގިލި ބުރިކޮށް ޖިސްމާނީ ބޮޑެތި އަނިޔާތަކެއް ދިނުމުގައި ބައިވެރިވި ދެ ސިފައިން އެމްއެންޑީއެފްއިން ސަސްޕެންޑުކޮށްފި އެވެ.

މާލޭ ގެެއެެއްގެ ތެރޭގައި މީހަކު ރަހީނުކޮށް އޭނާއަށް އަނިޔާކުރި މައްސަލާގައި ހިމެނޭ ދެ ސިފައިންނަކީ ކ. މާފުށި، ފުލްމޫން، މުހައްމަދު ނަފާހާއި ލ. ގަން، ތުނޑި ލިންކް، އަހުމަދު ޒަޔާން އެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ އެ މައްސަލައިގައި އެ ދެ އޮފިސަރުން ހައްޔަރުކޮށް، މައްސަލަ ތަހުގީގުކުރަމުންދާތީ ދެމީހުން ވެސް ވަޒީފާއިން ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

ނިމިދިޔަ ޖުލައި މަހު ހިނގި މި ހާދިސާގައި އަނިޔާ ލިބުނު 30 އަހަރުގެ މީހާއަށް ޖިސްމާނީ ބޮޑެތި އަނިޔާތަކެއް ދީފައިވާއިރު ވާތު ލޮލަށް ވަރަށް ބޮޑަށް ލޭއަރާފައި ހުއްޓެވެ. އެމީހާގެ ހަށިގަނޑުގެ އެކި ތަންތަނުގައި އަލިފާން ޖައްސައި، މާރާމާރީ ހިންގިކަމުގެ ޒަހަމްތައް ހުއްޓެވެ. އަދި އޭނާގެ ވާތުގެ އިނގިއްޔެއްގެ ދެވަނަ ބަދައިން ފެށިގެން ތިރި ބުރިކޮށްލާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ އިތުރު މީހުނަކީ ރ. ކަނދޮޅުދޫ މެހުރާ، އަލީ ސާމީ އާދި ގދ. ގައްދޫ ހުދުވެލި، އަހުމަދު ސާއިފް ވަހީދާއި ތ. ތިމަރަފުށީ އުތުރުގެއާގޭ، މުހައްމަދު ނަހުޝާން ހުސެއިން އެވެ.