ނެޓްފްލިކްސްއިން "ސްކުއިޑް ގޭމް" ސީޒަން 2ގެ ޓީޒާ އާއްމުކޮށްފައިވާއިރު މި ސީޒަންގައި ވެސް ޝައުގުވެރި އެތައް ކަމެއް ފެނިގެންދާނެކަން އެނގިގެންދެ އެވެ.

މި ސީޒަންގެ ލީޑު ތަރިއެއްގެ ގޮތުގައި ފެނިގެންދާނީ ފުރަތަމަ ސީޒަންގައި ވެސް ސޫން ގި-ހޫންގެ ރޯލުން ފެނިގެންދިޔަ ލީ ޖަންގް ޖެއި އެވެ.

އޭގެ އިތުރުން ފުރަތަމަ ސީޒަންއިން ފެނުނު ބައެއް އެހެން މޫނުތައް ވެސް ފެންނައިރު އާ ކެރެކްޓަރުތަކެއް ވެސް ތައާރަފްވާނެ ކަމަށް ހަބަރުތައް ބުނެ އެވެ.

https://www.instagram.com/netflix_in/?utm_source=ig_embed&ig_rid=8414b31d-aac4-4fa5-be06-ee5cf2b45fc2

ސްކުއިޑް ގޭމް ސީޒަން 2ގައި ވެސް ނުރައްކާތެރި ގޭމްތަކަކާއި ހަރަކާތްތަކަކާއެކު ނޭވާ ހިފަހައްޓާލަން ޖެހޭނެ އެތައް ކަމެއް ފެންނާނެ ކަމަށް ބެލެވެ އެވެ.

ސްކުއިޑް ގޭމް ސީޒަން 2ގެ ޓީޒާ ދައުރުވަމުން އަންނައިރު އެ ސީރީޒްއަކީ ކޮޕީއެއް ކަމަށް ބުނެ އިންޑިއާގެ ފިލްމު ޕްރޮޑިއުސަރަކު ވަނީ ދާދި ފަހުން ކޯޓަށް މައްސަލަވެސް ހުށައަޅާފަ އެވެ.

ސޯހަމް ޝާހް ހުށައެޅި މައްސަލާގައި ބުނެފައިވަނީ ސްކުއިޑް ގޭމްއަކީ އޭނާގެ ފިލްމު "ލަކް"ގެ ވާހަކަ ކޮޕީ ކޮށްގެން ހަދާފައިވާ ސީރީޒްއެއް ކަމަށެވެ.

ސްކުއިޑް ގޭމް ސީޒަން 2 އާއްމުންނާ ހަމައަށް އަންނާނީ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ. އެއާއެކު އެ ސީރީޒްގެ ތިންވަނަ ސީޒަންއެއްގެ އިޝާރާތެއް ވެސް ވަނީ އާއްމުންނަށް ލިބިފަ އެވެ.