މި ސަރުކާރުން ވެރިކަމަށް އަންނަންވެގެން ރައްޔިތުން ގާތުގައި ވީ ހުރިހާ ވައުދަކާ ހިލާފުވެފައިވާ ކަމަށާއި މި ސަރުކާރު ވެއްޓޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އިބްރާހިމް ނާޒިލް މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު ނާޒިލް ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އަންނަންވެގެން ނުކުރާނެ ކަމަށް ބުނި ހުރިހާ ކަމެއް މިހާރު ކޮށްފައިވާ ކަމަށާއި ނުވެއްޓޭނެ ކަމަށް ބުނި ނަމަވެސް ވެރިކަން ވެސް ވެއްޓޭނެ ކަމަށެވެ.

މި ސަރުކާރުން ރައްޔިތުން ގާތުގައި ވީ ހުރިހާ ވައުދަކާ ހިލާފުވެފައިވާކަމަށް ވިދާޅުވެ، އެ ކަންކަމުގެ ދިގު ލިސްޓެއް ނާޒިލް ވަނީ ވިދާޅުވެފަ އެވެ.

ފުރަތަމަ ކަމަކަށް ފާހަގަކުރެއްވީ، އައްޑޫގައި މަސައްކަތްކުރާ ފެނަކަ ކުންފުނީގެ 100 އަށްވުރެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް ވެރިކަމަށް އައުމުގެ ކުރިން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ، އެއްވެސް މުވައްޒަފަކު ވަކިނުކުރާނެ ކަމަށް ކަމަށާއި އެ ވައުދާ ވެސް ހިލާފުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަސްވެރިންނަށް ދޭ ފައިސާ ކުޑަނުކުރަން ބުނެ ވެރިކަމަށް އައުމަށްފަހު އެވެސް ކުޑަކޮށްފައިވާކަމަށާއި މާލޭ ރައްޔިތުންގެ ގޯތި ދޭނަމޭ ވިދާޅުވެ ގޯއްޗާއި ފުލެޓުވެސް ނުދޭކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ، ޑޮލަރުގެ އަގު ވެސް ބޮޑުނުވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށާއި ނަމަވެސް ޑޮލަރެއް މިހާރު ލިބެނީ 18.90 ރުފިޔާއަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އާސަންދަ ކަނޑައިނުލާނަމޭ. ކަނޑާލައިފި. ދުބާއީއަށޭ ފޮނުވާނީ ތައިލެންޑަށޭ ފޮނުވާނީ. އަދިއަކު ނުފޮނުވޭ،"

އިދިކޮޅުގައި މި ސަރުކާރުގެ ބޭފުޅުން ތިބިއިރު ރާއްޖޭގައި ތިބި ކަމަށް ބުނި އިންޑިއާ ސިފައިން ފޮނުވާލުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދު ކަމަށާއި އެކަމަކު، އޭރު އެ ތިބި ބަޔަކު އަދިވެސް މި ރާއްޖޭގައި އެބަތިބި ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ. މިކަކުގައިވެސް ރައީސް އިތުރުފުޅު ހައްދަވާކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.