ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ދެކުނުގެ އަވަށަކަށް އިސްރާއީލުން ހަމަލާދީފި އެވެ.

މިރޭގެ ވަގުތެއްގައި އިސްރާއީލުން ދިން ހަމަލާގައި 12 މީހުން މަރުވެ، 66 މީހުން ޒަހަމްވެފައިވާ ކަމަށް ލުބުނާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ބުނެފަ އެވެ.

ބެއިރޫތުގެ އިމާރާތަކަށް ދިން ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށް އެ ގައުމުން ބުނެ އެވެ.

އިސްރާއީލުން ބުނަނީ އެ ހަމަލާ އަމާޒުކޮށް މަރާލާފައިވަނީ ހިޒްބުﷲގެ އިސް ކޮމާންޑަރެއް ކަމަށެވެ. ހަމަލާއާ ގުޅިގެން ލުބުނާނުގެ ޖަމާއަތުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

އިސްރާއީލުން މި ހަމަލާ ދީފައިވާއިރު، މީގެ ދެ ދުވަސް ކުރިން ލުބުނާނުގެ އެކި ކަންކޮޅުތަކުގައި ހިޒްބުﷲ ޖަމާއަތުގެ މެންބަރުން ގެންގުޅޭ ޕޭޖަރުތައް ގޮވައި ބަޔަކު މަރުވެފައިވެ އެވެ. އަދި ޖެހިގެން އައި ދުވަހު ވޯކީޓޯކީތަކެއް ގޮއްވާލާ 20 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. އެ ހާދިސާތަކުގައި އެތައް ބަޔަކު ޒަހަމްވެފައިވެ އެވެ.

އިސްރާއީލާއި ހިޒްބުﷲ އާ ދެމެދު ބޯޑަރު ސަރަހައްދުގައި ހަމަލާތައް ބަދަލުކުރަމުންދާތާ އެތައް މަހެއް ވަނީ ވެފަ އެވެ.