އަވަށްޓެރި ސްރީ ލަންކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި ސިޔާސީ ގޮތުން ވަރުގަދަ ލީޑަރުން ފަހަތަށް ޖައްސާލުމަށްފަހު، އަނޫރާ ކުމާރަ ޑިސެނަޔަކަ ބޮޑު ތަފާތަކުން ވޯޓުގެ ކުރި ހޯއްދަވައިފި އެވެ.
ދާދިފަހުން ލަންކާގެ ގިނަބައެއްގެ މަގުބޫލުކަން ހޯއްދެވި ޑިސެނަޔަކަ ނިސްބަތްވާ ޕާޓީ އަނޫރާގެ ޖަނަތަ ވިމުކްތީ ޕެރެމޫނާ (ޖޭވީޕީ) އަކީ ގާނޫނު ހަދާ މަޖިލީހުގައި އެންމެ ތިން ގޮނޑި ތަމްސީލްކުރާ ކުޑަ ޕާޓީއެކެވެ.
މިފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 17.1 މިލިއަން މީހުންގެ ތެރެއިން 76 އިންސައްތަ މީހުން ވޯޓް ލާފައިވާއިރު، މިހާތަނަށް ގުނި ވޯޓުގެ ތެރެއިން ޑިސެނަޔަކަ ވަނީ 47.3 އިންސައްތަ ވޯޓު ކަށަވަރު ކުރައްވާފަ އެވެ. އޭނާއާ އެންމެ ގާތުން ވާދަކުރައްވަނީ އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސަ އަށް ލިބިވަޑައިގަތީ 28 އިންސައްތަ އެވެ. މިހާރުގެ ރައީސް ވިކްރެމަސިންހަ އަށް މިހާތަނަށް ލިބިވަޑައިގަތީ 15.2 އިންސައްތަ އެވެ.
ޑިސެނަޔަކަ ބޮޑަށް ފާހަގަކޮށްލެވެނީ ކޮރަޕްޝަނާ ދެކޮޅަށް ކެމްޕެއިންގައި ދެއްކެވި ވަރުގަދަ ވާހަކަތަކާއި ފަގީރުންގެ ވެލްފެއާގެ ކަންކަން ރަނގަޅުކުރެއްވުމަށް ވެޑައިގެންނެވި ވައުދުތަކުގެ ސަބަބުން ރައްޔިތުންގެ ތާއީދު ލިބުނު ކެނޑިޑޭޓެއްގެ ގޮތުގަ އެވެ.
ދެ ފަހަރު ރައީސްކަން ކުރައްވާފައިވާ މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމާލްއަށް މި އިންތިހާބުގައި ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފަ އެވެ. އޭނާ މިވަގުތު އޮތީ ވޯޓުގެ ފަސްވަނައިގަ އެވެ. މިހާތަނަށް ލިބިވަޑައިގަތީ އެންމެ 2 އިންސައްތަ ވޯޓެވެ. އޭނާ ވަނީ ބަލި ގަބޫލުކުރައްވާފަ އެވެ.
2022 ވަނަ އަހަރު އިގްތިސާދީ ހީނަރުކަމުގައި ގައުމު ބަނގުރޫޓުވި ލަންކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި 38 ކެންޑިޑޭޓުން ވާދަކުރި އެވެ. ލަންކާގައި ވޯޓުލާއިރު އެމީހަކަށް އެންމެ ކަމުދާ ތިން ކެނޑިޑޭޓުންނަށް ވޯޓު ލެވޭގޮތަށް އޮންނައިރު، އިންތިހާބު ކާމިޔާބުވި ކަމަށް ބަލަނީ 50 ޕަސެންޓް ނުވަތަ އެއަށްވުރެ ގިނަ ވޯޓު ލިބުމުންނެވެ. ފުރަތަމަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް 50 ޕަސެންޓް ނުލިބޭނަމަ، އެންމެ ތާއީދު ބޮޑު ދެ ކެންޑިޑޭޓުންގެ މެދުގައި އަލުން ވޯޓު ލާންޖެހެ އެވެ.