ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބަޖެޓްކޮށްފައިވާ ށ. ފޯކައިދޫ އިސްލާމީ މަރުކަޒު އެޅުމުގެ މަސައްކަތް ފަސްކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ފޯކައިދޫ ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ މަޝްރޫއު ފަސްކުރީ ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފިނޭންސް މިނިސްޓްރީން އެންގި އެންގުމެއްގެ ދަށުން ކަމަށެވެ.

"...ވީމާ މާލީ ވުޒާރާގެ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން އިސްވެ ދެންނެވުނު މަޝްރޫއު ކުރިއަށް ގެންދިޔުން މިހާރު ވަގުތީ ގޮތުން މެދުކަނޑާލައިފައިވާ ވާހަކަ ދެންނެވީމެވެ،" އިސްލާމިކް މިނިސްޓަރީގެ ސިޓީގައިވެ އެވެ.

ފޯކައިދޫގައި އިސްލާމީ މަރުކަޒެއް އެޅުމަށްޓަކައި ނިމިދިޔަ އެމްޑީޕީ ސަރުކާރުން ވަނީ ދެ މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓްގައި ހިމަނައިފަ އެވެ. ނަމަވެސް އެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް މިހާތަނަށް ކޮށްފައެއްނުވެ އެވެ.

ސަރުކާރުގެ ހަރަދު ކުޑަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވި އެންގެވުމެއްގެ ދަށުން އަޅާ ހާއްސަ ފިޔަވަޅުތަކެއްގެ ގޮތުން ކުރިން ބަޖެޓްކޮށްފައިވާ އަދި ހަވާލުކޮށްފައިވާ ގިނަ މަޝްރޫއުތައް މިވަގުތު ކުރިއަށް ނުގެންދަން ސަރުކާރުން ވަނީ ނިންމާފަ އެވެ.