ހޮލީވުޑްގެ ތަރި ޖެނިފާ ލޮޕޭޒްގެ އަމިއްލަ ބިއުޓީ ބްރޭންޑް "ޖޭލޯ ބިއުޓީ"ގެ މާކެޓިން ޓީމުން އެޅި "ޅަ އެއްޗަކަށް" މީޑިއާއާއި އާއްމުންގެ ސަމާލުކަން ހުއްޓިއްޖެ އެވެ.

ބެން އެފްލެކްއާއި ޖެނިފާގެ ވަރީގެ މައްސަލަ ކުރިއަށްދާ މި ދަނޑިވަޅުގައި އެ ބްރޭންޑްގެ ޓީމުން ސޯޝަލް މީޑިއާގައި އާއްމުކުރި ޕޯސްޓުގައި ފެންނަނީ އިނގިރޭސި އަކުރުން "ބެން" ޖަހާފައިވާ ފަށެއް އަޅައިގެން ޖެނިފާ ނަގާފައިވާ ސެލްފީ އެކެވެ.

ޖޭލޯ ބިއުޓީގެ އިންސްޓަގްރާމްގައި އެ ފޮޓޯ ހިއްސާ ކުރުމާއެކު ޖެނިފާ ވަނީ އެ ޕޯސްޓް އޭނާގެ އަމިއްލަ ރަސްމީ އެކައުންޓުގައި ވެސް ރީޝެއާ ކޮށްފަ އެވެ.

އެ ފޮޓޯގައި ޖެނިފާގެ ކަރުގައި އޮތް ފަށް އާއްމުންނަށް ފާހަގަވާން ގިނައިރެއް ނުވި އެވެ. އެއާއެކު ޖެނިފާއާއި ބެން އަލުން ގުޅެނީތޯ އާއްމުން ސުވާލު އުފައްދަން ފެށި އެވެ.

އެހެން ނަމަވެސް ފާހަގަ ކޮށްލަން ޖެހޭ ކަމަކީ އާއްމުން އެކަން ފާހަގަ ކުރަން ފެށިތާ މާ ގިނައިރެއް ނުވެ "ޖޭލޯ ބިއުޓީ"އިން ވަނީ އެމީހުންގެ ސޯޝަލް މީޑިއާއިން އެ ޕޯސްޓު ނަގާފަ އެވެ.

މިކަން މިހެންވުމުގެ ދެ ދުވަހެއް ކުރިން ބެންއާއި ޖެނިފާ ބޭރުތެރެއިން ވެސް އެކުގައި ފެނިފައިވާއިރު، ދެ މީހުންގެ މެދުގައި ޖެހިފައިވާ މައްސަލަ ހައްލުވީތޯ ވެސް ގިނަ ބަޔަކު ވަނީ ސުވާލު ކުރަން ފަށާފަ އެވެ.

މީޑިއާގައި މި އަޑުތައް ފެތުރެމުން ދިޔަ ނަމަވެސް އެ ދެމީހުންގެ ވަރީގެ މައްސަލަ ހުއްޓުމަކަށް އައިކަން އެއްވެސް ފަރާތަކުން ޔަގީން ކޮށްދީފައެއް ނުވެ އެވެ. އެހެން ކަމުން ބެލެވޭ ގޮތުގައި އަދިވެސް ވަރިއައިގެން ކުރިއަށްދާނެ އެވެ.