ލަންކާގައި ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އަނޫރަ ކުމާރަ ޑިސެނަޔަކަ 55، ރައީސްކަމުގެ ހުވާ މިއަދު ކުރައްވައިފި އެވެ.

ލަންކާގެ ނުވަ ވަނަ ރައީސްކަމުގެ ހުވާ ޑިސަނަޔަކެ ކުރެއްވީ ގާނޫނު ހަދާ މަޖިލީހުގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގަ އެވެ.

ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ) ގެ ކެންޑިޑޭޓު ގޮތުގައި އިންތިހާބުގައި ވާދަކުރެއްވި ޑިސެނަޔަކައަށް ވަނީ ޖުމްލަ 5.74 މިލިއަން ވޯޓު ލިބިވަޑައިގެންފަ އެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި އިދިކޮޅު މައި ޕާޓީގެ ލީޑަރު ސަޖިތު ޕްރެމަޑާސާއަށް ލިބިވަޑައިގެންނެވީ 4.5 މިލިއަން ވޯޓެވެ.

ކޮރަޕްޝަނާ ދެކޮޅަށް ގެންގުޅުއްވާ ސިޔާސަތުތަކާއި ފަގީރުންގެ ވެލްފެއާގެ ކަންކަން ރަނގަޅުކުރެއްވުމަށް ވެޑައިގެންނެވި ވައުދުތަކާއެކު ގިނަބައެއްގެ ތާއީދު ލިބުނު ޑިސެނަޔަކަ އިންތިހާބު ކާމިޔާބު ކުރައްވާފައި މިވަނީ ލަންކާގެ ވަރުގަދަ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ވާދަކުރައްވައިގެންނެވެ.

އިންތިހާބުވެވަޑައިގަތުމަށްފަހު ޑިސެނަޔަކެ ވިދާޅުވީ މިއީ ރައްޔިތުން ހޯދި ކާމިޔާބީއެއް ކަމަށާއި މި ކާމިޔާބީއާއެކު ގައުމަށް ބަދަލުތަކެއް ގެނެސް ހަމަޖެހުން ގާއިމު ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާކަމަށެވެ.