އިންޑިއާއާ ދެކޮޅު ވައުދުތަކެއްވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ބޭނުމުގައި ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ކަމަށް ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމްސިންހު ވިދާޅުވެއްޖެ އެވެ.

ރަނިލް މިހެން ވިދާޅުވެފައިވަނީ ސެޕްޓެމްބަރު 19 ވަނަ ދުވަހު އިންޑިއާގެ ފަސްޓް ޕޯސްޓަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.

ރައީސް މުއިއްޒު މިހާރު އިންޑިއާއާ ކުރިއަށްވުރެ އެކުވެރިކަން ފާހަގަކުރައްވާ ރަނިލް ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރުމަށް އިންޑިއާއާ ދެކޮޅު ވައުދުތަކެއް ވާން ޖެހުނުކަމަށް އިންތިހާބަށް ފަހު ރައީސް މުއިއްޒު ރަނިލްގެ އަރިހުގައި ވިދާޅުވެފައިވާ ކަމަށެވެ.

މިހާރުގެ ވެރިކަން ކުރާ ކޯލިޝަން ޕީޕީއެމް ޕީއެންސީން އިދިކޮޅުގައި ތިބި އިރު އެންމެ ގަދައަށް ދައްކަމުން ދިޔަ ވާހަކަތަކަކީ އެމްޑީޕީގެ ވެރިކަމުގައި އިންޑިއާގެ ނުފޫޒު ރާއްޖެއަށް ފޯރުވާކަމަށާއި އެތައް ހާސް އިންޑިއާ ސިފައިން މިގައުމުގައި ތިބިކަމަށެވެ. މިކަމާ ގުޅިގެން "އިންޑިއާ އައުޓް" ގެ ނަމުގައި ވަރުގަދަ ކެންޕޭނެއްވެސް ކުރިއަށް ގެންދިޔަ އެވެ.

ބޮޑެތި އެއްވުންތަކާއި މަގުމަތީ ހަރަކާތްތަށް ބޭއްވިއިރު، އެކަމުގައި ރައީސް މުއިއްޒުވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ޕީޕީއެމް، ޕީއެންސީން ކުރިއަށްގެންދިޔަ އިންޑިއާ އައުޓް ހަރަކާތުގައި ރައީސް މުއިއްޒު ---

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާއި އެ ގައުމުގެ އަސްކަރިއްޔާ ފޮނުވާލުމަށާއި އެ ގައުމާއެކު ހަދާފައި އޮތް ސިއްރު އެއްބަސްވުންތައް ބާތިލުކޮށް ހާމަކުރުމަށް ވައުދުވެވަޑައިގަންނަވަމުންނެވެ.

ރާއްޖޭގައި އެތައް ހާސް އިންޑިއާ ސިފައިން ތިބި ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކުރި ހަބަރުތައް ރައީސް ވަނީ ބައިނަލްއަގުވާމީ މީޑިއާތަކުގައިވެސް ވިދާޅުވެފަ އެވެ. ވެރިކަމަށް ވަޑައިގަތުމަށް ފަހުވެސް އިންޑިއާއިން ރާއްޖެއަށް "ބުލީ" ކުރާކަމަށް ވިދާޅުވެ ނުސީދާ ބަހުގެ ހަމަލާތަކެއްވެސް ދެއްވި އެވެ.

ނަމަވެސް މިހާރުވަނީ އިންޑިއާއާ ގުޅޭ ގޮތުން ދެއްކި ވާހަކަތަށް ބަދަލުވެ، އިންޑިއާ އަކީ މި ސަރުކާރުގެ ގާތް ގައުމަކަށްވެފަ އެވެ. އެގޮތުން ރައީސް މުއްއިޒުވަރަށް އަވަހަށް އިންޑިއާއަށް ދަތުރުފުޅެއްވެސް ކުރައްވާނެކަމަށް ސަރުކާރުންވަނީ ބުނެފަ އެވެ.

ވައުދުތަކާއެކު ވެރިކަމަށް އައުމަށްފަހު ޕީއެންސީގެ ސަރުކާރަށް ކުރެވުނުކަމަކީ އިންޑިއާ ސިފައިން ބޭލީކަމަށް ބުނެ ރާއްޖޭގައި ހެލިކޮޕްޓަރު ދުއްވަން ތިބި އިންޑިއާ ސިފައިންގެ ޔުނީފޯމު ބަދަލުކޮށް އާދައިގެ ހެދުމަށް ބަދަލުކުރުންކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެ އެވެ. ކުރިން ޕީއެންސީއަށް ގޯސްވި ހުރިހާކަމެއް ރަނގަޅުވެ އެވާހަކަތައް ސަރުކާރުން ވަނީ ފަސްއަޅާ އޮއްބާލާފަ އެވެ.

ގައުމުގެ މިނިވަންކަމާއި ސިޔާދަތުގެ ދިފާއުގައި އޭރު ވަކާލާތުކުރި ޕީޕީއެމް ޕީއެންސީގެ ބޭފުޅުންނަށް މިއަދު ގައުމަށްވުރެ ދެތިން ސިޔާސީ މަގާމު މުހިއްމުވެއްޖެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ސަރުކާރުގެ އިސްވެރިންނަށް ފާޑުކިޔަމުންނެވެ.