ކުރީގެ އަންހެނުން އެމްބާ ހާޑްއާ ދެކޮޅަށް ކޯޯޓުގައި ހިނގި ވަރީގެ މައްސަލައަށްފަހު ދިރިއުޅުން ޓީވީ "ޑްރާމާ"އަކަށް ވެފައިވާ ކަމަށް މަޝްހޫރު ތަރި ޖޮނީ ޑެޕް ބުނެފި އެވެ.
ދާދި ފަހުން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރެވުނު ސުވާލަކަށް ޖަވާބު ދެމުން ޖޮނީ ބުނެފައިވަނީ އެންމެންގެ ދިރިއުޅުން ވެސް ތަފާތުވާނެ ކަމަށާއި ކޮންމެ މީހެއްގެ ދިރިއުޅުމަކީ ޓީވީއިން ދައްކާ ޑްރާމާއަކަށް ނުވާނެ ކަމަށެވެ.
ޖޮނީ އިޝާރާތް ކޮށްފައި އެވަނީ އެމްބާއާއި އޭނާއާ ދެމެދު ކުރިއަށް ދިޔަ ކޯޓު މައްސަލައަށް ލިބުނު މީޑިއާގެ ސަމާލު ކަމަށެވެ. އެގޮތުން އެ މައްސަލައިގެ އަޑު އެހުންތައް ގަވާއިދުން ޓީވީއިން ދުރަށް ދައްކާފައިވެ އެވެ.
އެމްބާއަށް ޖޮނީ ގެވެށި އަނިޔާ ކޮށްފައިވާ ކަމަށް ބުނެ އެމްބާ އާއްމުކުރި ހަބަރަކާއެކު ޖޮނީ ވަނީ އެމްބާއަށް އަބުރުގެ ދައުވާ ކޮށްފަ އެވެ.
މަސްތަކަކަށް ދެމިގެންދިޔަ އަޑުއެހުންތަކަކަށްފަހު ޖޮނީ އެ މައްސަލަ ކާމިޔާބު ކޮށްފައިވާއިރު ލިބުނު ގެއްލުމުގެ ބަދަލުގައި 30 މިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު އެމްބާ ޖޮނީއަށް ދައްކަން ޖެހުނެވެ.
މި މައްސަލައަށް ލިބުނު ސަމާލުކަމާއެކު ޖޮނީއާއި އެމްބާގެ ދިރިއުޅުމަށް ވެސް ވަނީ ބޮޑު ބަދަލުތަކެއް އައިސްފަ އެވެ. އެގޮތުން ޖޮނީއަށް މީޑިއާގެ ސަމާލުކަން އިހުނަށްވުރެ ބޮޑަށް ލިބެ އެވެ.
އަނެއްކޮޅުން އާއްމުންނާއި މީޑިއާގެ ފަރާތުން އެމްބާއަށް ލިބެން ފެށި ނުރުހުމާއި ފުރައްސާރައާއެކު ހޮލީވުޑް ދޫކޮށް އެމްބާ ވަނީ ސިއްރު ދިރިއުޅުމެއް އުޅެން ފަށާފަ އެވެ.