ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް އައީ ދޮގާއި އޮޅުވާލުމާއި، މަކަރުވެރި ހީލަތްތެރި ރޭވުންތަކުގެ ތެރެއިން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީ ސިޓީގައި ކުރިއަށްދާ އެމްޑީޕީ ލާމަރުކަޒީ ގުޅުން ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިހާރުގެ ވެރިކަންކުރާ ޕާޓީން ވެރިކަމަށް އައީ ދޮގާ މަކަރާއި އޮޅުވާލުންތަކުގެ ތެރެއިން ކަމަށާއި މިއަދު ހާމަވަމުން އެދަނީ އޭރު ހެދި ދޮގުތަކުގެ ހަގީގަތް ކަމަށެވެ.
އަވަށްޓެރި ގައުމުތަކާމެދު އެތަންތަނުގެ ވެރިންނާ ދޭތެރޭގައި ދެއްކި ހަޑިހުތުރު ވާހަކަތަކުގެ ސަބަބުން ރައްޔިތުންނަށް ވީ ގެލުންތައް ގުނާ އަދަދު ނުކުރެވޭ ކަމަށާއި ހަމައެކަނި ޓޫރިޒަމް ސެކްޓަރަށް ބަލާލި ނަމަވެސް އެކަން ފެންނަ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
އެގޮތުން އެންމެ ގިނައިން ރާއްޖެއަށް ޓޫރިސްޓުން އައި ގައުމު ކަމަށްވާ އިންޑިއާއިން 40 އިންސައްތަ މީހުން މަދުވި ކަމަށާއި، އަދި ދައުލަތައް ލިބެން އޮތް އާންމުދަނީގެ ތެރެއިން 3.2 ބިލިއަން ރުފިޔާ ނުލިބި ހިނގައްޖެ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވި އެވެ. މިކަންކަމުގެ ޒިންމާ ނަގާނީ ކާކުތޯ ވެސް އެމަނިކުފާނު ސުވާލުކުރެއްވި އެވެ.
"ފައިސާ ނެތް ވާހަކަ މިދައްކަނީ ނަމަވެސް މީ އަޅުގަނޑުމެންނަށް 8-9 މަސް ދުވަހު ލިބިފައި ހުރި ގެއްލުން،" ސޯލިހު ވިދާޅުވި އެވެ.
އެގޮތުން ރައީސް ސޯލިހު ފާހަގަކުރެއްވީ ކުރިން އެމްޑީޕީގެ ވެރިކަމުގައި އަވަށްޓެރި އިންޑިއާ އާއެކު އޮތް ގުޅުމާމެދު ރައްޔިތުންގެ މެދުގައި ނަފުރަތާއި ބިރުވެރިކަން އުފެއްދުމަށް އޭރު އިދިކޮޅުގައި ތިބި ފަރާތްތަކުން ދެއްކި ހަގީގަތާއި ހިލާފު ދޮގު ވާހަކަތަކެވެ.
ހާއްސަކޮށް ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ދައްކަމުން ދިޔައީ އިންޑިއާ އެކު ހަދާފައިވާ އެއްބަސްވުންތަކުގެ ސަބަބުން މިނިވަންކަމާއި އިސްތިގުލާލާއި ދީން މިގައުމުން ނެތިގެންދާ ވާހަކަ ކަމަށާއި މިހާރު އޭރު ދެއްކެވި ވާހަކަތައް ކޮބައިތޯ އެމަނިކުފާނު ސުވާލުކުރެއްވި އެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަން ފެށުމުން، އިންޑިއާ ސިފައިން ތިބި ކަމަށް ބުނެ، އެތަނުގައި އިންޑިއާ މީހުން އާބާދުކުރަން އުޅޭކަމަށް ބުނެ ވާހަކަ ފެތުރުމަށްފަހު، އިހައްދުވަހު އެ ވަޑައިގެންނެވީ ހަނިމާދޫގައި އިންޑިއާއިން ހެދި ރަންވޭއާ ހަވާލުވެވަޑައިގެންފައިކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.
"މިއަދަކު އެ ދެއްކި އެއްވެސް ވާހަކައެއް ނެތް. ދެއްކި ވާހަކައަކަށްވެސް ނުވޭ. ހަމަ އެ އެގްރީމެންޓާ އެއްގޮތަށް އެދަނީ. އަކުރަކަށް ފިއްޔަކަށް ބަދަލެއް ނާދޭ. މަސައްކަތްތައް ނިންމަމުން އެދަނީ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ސޯލިހު ފާހަގަކުރެއްވީ ޔޫޓީއެފް އެގްރީމެންޓްގެ ދަށުން ސިފައިންނަށް ކޮންމެހެން ބޭނުންވެގެން އުތުރު ތިލަފަޅު ހަދާތީ އިދިކޮޅުން އޭރު ދެއްކި ވާހަކަތަކެވެ. އެގޮތުން އިންޑިއާގެ އަސްކަރީ މަރުކަޒެއް ހަދަމުންދާ ކަމަށް ބުނެ ރޯހިތު ހޯދުމަށް އެތަނަށް ބަޔަކު ގޮސް ދެއްކި ވާހަކަތަކާއި އޮޅުލުންތަކަށްފަހު، މިއަދު އެ އެގްރީމެންޓް ހަމައެގޮތަށް އެއްވެސް ބަދަލެއް ނުގެނެސް އެދަނީ ކުރިއަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ކޮބައިތޯ އޮޅުވާލި އޮޅުވާލުންތައް. އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް އުފައްދަން އުޅުމުން އެތާންގައި އިންޑިއާގެ އިންޓެލިޖެންސް ސެންޓަރެއް ހަދާ، އިންޑިއާގެ ރައްޔިތުން އާބާދުކުރަން އުޅޭކަމަށް ބުނެ، އައްޕަތުރޭއެއްގެ ވާހަކަ ދެއްކީ. މިއަދު ކޮބައިތޯ. ހަމަ އެ އެއްބަސްވުމާ އެއްގޮތަށް އެ ކުރިއަށް ދަނީ،" ސޯލިހް ވިދާޅުވި އެވެ.
ރައީސް މުހައްމަދު މުއިއްޒު މިދިޔަ ހަފްތާގައި އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ވަނީ އިންޑިއާ އެކު ކުރީ ސަރުކާރުން ކުރަމުންދިޔަ ހުރިހާ މަސައްކަތެއް ކުރިއަށް ގެންދިއުމަށް ނިންމަވާފަ އެވެ. ސަރުކާރުން ބުނީ ގައުމުގެ މިނިވަންކަމަށް ބުރޫއަރާނެ އެއްވެސް އެއްބަސްވުމެއްގައި ރައީސް ސޮއި ނުކުރައްވާ ކަމަށެވެ.