އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ އަބްދުލް ހަސީބު އިސްމާއިލް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަންކުރުމަށް ރައީސް މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ ދައުރު މި އަންނަ މަހު ހަމަވާތީ، އިލެކްޝަންގެ މެންބަރުކަމަށް ކުރިމަތި ލުމަށް ހުޅުވާލައިފައިވަނީ މިދިޔަ ސެޕްޓެމްބަރު މަސް ތެރޭގަ އެވެ.

ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް މަޖިލީހަށް ފޮނުއްވީ ފ. ނިލަންދޫއަށް ނިސްބަތްވާ ހަސީބުގެ ނަން އެކަންޏެވެ. ހަސީބު މިހާރު ހުންނެވީ އިލެކްޝަން ކޮމިޝަންގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގަ އެވެ.

ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހަސީބު އިސްލާމިކް މިނިސްޓްރީގެ ޕީއެސްގެ މަގާމުގައި ހުންނެވީ ދައުރުގެ ކުރީކޮޅު އެވެ. ހަސީބު މަޤާމުގައި ބަހައްޓައިގެން މިނިސްޓްރީ ހިންގުމަށް ދަތިވާ ކަމަށް ވިދާޅުވެ އޭނާ ވަކި ކޮށްދިނުމަށް އޭރުގެ އިސްލާމިކް މިނިސްޓަރު އަހްމަދު ޒާހިރު ސިވިލް ސާވިސް ކޮމިޝަނުގައި އެދިގެން އޭނާ ވަނީ ކުޑަ ދުވަސްކޮޅެއް ތެރޭގައި ބަދަލުކޮށްފަ އެވެ.