ދުނިޔޭގައި އެއް މޫނެއްގެ ވެރި އަށް މީހުން އުޅޭ ކަމަށް ސައިންސުން މިވަނީ ހޯދިފަ އެވެ. ވައްތަރު މީހުން ގިނަ މި ދުނިޔޭގައި ތިމާގެ "ކްލޯން"އާ ބައްދަލުވުމަކީ ވަރަށް ވެސް ނާދިރު ކަމެެކެވެ.
އެހެން ނަމަވެސް އިންޓަނެޓްގައި މިދިޔަ އަހަރު ތެރޭގައި މީޑިއާއަށް ފެންމަތިވި އެފަދަ ފޮޓޯއަކަށް ގިނަ ބައެއްގެ ސަމާލުކަން އަމާޒުވި އެވެ.
އެއީ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓޮމް ކްރޫޒްއާއި އޭނާގެ ސްޓަންޓް ޑަބަލް އެކްޓަރުން ކަމަށް ބުނެ އިންޓަނެޓެއް ދޫކޮށްލާފައިވާ ފޮޓޯ އެކެވެ.
އެ ފޮޓޯއިން ފެންނަ ތިން މީހުން ވެސް އެކަކު އަނެކަކާ ވަކި ނުވާވަރަށް ވައްތަރުއިރު އެ މީހުންގެ ތެރެއިން "އަސްލު" ޓޮމް ކްރޫޒްއަކީ ކޮބާކަން ފާހަގަ ކުރަން އުނދަގުލެވެ. އެހެން ކަމުން މި ފޮޓޯއަކީ އަސްލު ފޮޓޯއެއްތޯ ވެސް ގިނަ ބަޔަކު އަންނަނީ ސުވާލު ކުރަމުންނެވެ.
ގިނަ ބައެއް ހައިރާން ކުރުވި މި ފޮޓޯގެ އަސްލު ހަގީގަތަކީ އެއީ އާޓިފިޝަލް އިންޓަލިޖެންސްގެ ކަޓް އޮފް އެޖް ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް ކަމެވެ.
މި ސަބަބަށްޓަކައި ފޮޓޯއިން ފެންނަ ތިން މީހުން ވެސް އެކަކު އަނެކަކާ ވަރަށް ވައްތަރެވެ. ހެދުމާއި ފޮޓޯއަށް ހުއްޓި ހުންނަ ގޮތްވެސްމެ އެވެ.
އެހެން ކަމުން ގިނަބަޔަކު ހީކުރި ގޮތާ ހިލާފަށް އެއީ އަސްލު ފޮޓޯއެއް ނޫނެވެ. އެއީ ކުރިއަރަމުން އަންނަ ޓެކްނޮލޮޖީގެ ފުރިހަމަ މިސާލެކެވެ. އެހެން ނަމަވެސް މި ފޮޓޯ ވަނީ ގިނަ ބަޔަކު ހައްދާލާފަ އެވެ.
ސައިންސްވެރިން ބުނާ ގޮތުގައި މޫނުގެ ސިފަ ވައްތަރު މީހުން އުޅުނު ނަމަވެސް އެ މީހެއްގެ އުޅުމާއި ވައްޓަފާޅި ވަރަށް ތަފާތުވާނެ އެވެ. އެހެން ކަމުން ފޮޓޯއެއްގައި މި ގޮތަށް ހުއްޓި ހުންނައިރު ވެސް ތަފާތު ބުނެދޭން އެނގޭނެ އެވެ.