ދިވެހި ރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގައި ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކުރައްވައި، ފަޟީލަތުއްޝައިޚު އަލްއުސްތާޒު އަލްމަރުހޫމް ޙުސައިން އަބްދުއްރަޙްމާނަށް ދެއްވި ގައުންކޮޅާ (ފަނޑިޔާރު ހެދުންކޮޅު) އެ މަރުޙޫމްގެ ދަރިކަލުންގެ ހައިސިއްޔަތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހވާލުވެވަޑައިގެންފި އެވެ.
އެމަނިކުފާނު މި ގައުންކޮޅާ ޙަވާލުވެވަޑައިގަތީ ރޭ ސެންޓަ ފޯ ހަޔަ ސެކަންޑަރީ އެޑިއުކޭޝަން (ސީ.އެޗް.އެސް.އީ) ގައި ހައިކޯޓުން އިންތިޒާމްކޮށްގެން ކުރިއަށްދިޔަ "އިސްތިރާޖީ ޢަމަލީ ތަދުބީރު 2025-2027 " އިފުތިތާޙުކުރުމުގެ ރަސްމިއްޔާތުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ބައްޕާފުޅު ފަޟީލަތުއްޝައިޚް އަލްއުސްތާޛު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙްމާނަކީ، އޮކްޓޫބަރު 5، 1980 ގައި ދިވެހި ރާއްޖޭގެ ހައިކޯޓު އުފައްދަވައި، އެ ކޯޓަށް ފުރަތަމަ ޢައްޔަނު ކުރެއްވި ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އެމަނިކުފާނު ޝަރީޢަތާ ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލްކުރައްވާފައިވަނީ މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީންނެވެ.
ދިވެހި ރާއްޖޭގެ ޝަރުއީ ނިޒާމުގައި އިސްތިއުނާފު މަރުޙަލާގެ އެންމެ މަތީ ކޯޓުގެ ގޮތުގައި ހައިކޯޓު ހުރިއިރު އެ ކޯޓުގެ ފަނޑިޔާރުކަން ކުރެއްވުމުގެ އިތުރުން، ފަޟީލަތުއްޝައިޚް އަލްއުސްތާޒު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙްމާން ވަނީ، ބަންޑާރަނާއިބުގެ އޮފީސް ހިންގަވާ އިސް ބޭފުޅެއްގެ ގޮތުގައި، އެޓާނީ ޖެނެރަލްގެ ނާއިބުކަމުގެ މަޤާމު ވެސް އަދާކުރައްވައިފަ އެވެ. އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި އިސްލާމީ ތަޢުލީމުގެ ކަންކަން ބަލަހައްޓަވާ އެންމެ އިސް މަސްއޫލުވެރިއެއްގެ މަޤާމުގައި ވެސް ޚިދުމަތްކުރައްވައިފަ އެވެ.
"އަލީގެ މައްޗަށް އައްޔެއް" ފަދަ ދީނީ ގޮތުން މަޤްބޫލު އެތައް ޕްރޮގްރާމެއްގައި ދިވެހި ރާއްޖޭގެ ޤައުމީ މީޑިއާ މެދުވެރިކޮށް އެމަނިކުފާނު ބައިވެރިވެވަޑައިގެންފައިވެ އެވެ. އަދި ދީނީ ތަޢުލީމު އުނގަންނައިދެއްވުމުގެ އިތުރަށް ޢިލްމީ އެކި މައުޟޫޢުތަކުގައި ދިރާސާކުރައްވަައި ލިޔުއްވާފައިވެ އެވެ. އިސްލާމްދީނަށް ޚިދުމަތްކުރުމަށް ސަރުކާރުން އުފެއްދެވި ވަރަށް ގިނަ ކޮމިޓީތަކުގައި ވެސް އެމަނިކުފާނު ވަނީ ހިމެނިވަޑައިގެންފަ އެވެ.
ސިޔާސީ ގޮތުންނާއި ޢިލްމީ ގޮތުން ޚިދުމަތްތެރި ޝަޚްޞިއްޔަތުތަކެއް އުފެދުނު ޢާއިލާއަކަށް ނިސްބަތްވެ ވަޑައިގަންނަވާ ފަޟީލަތުއްޝައިޚް އަލްއުސްތާޒު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙްމާނަކީ މުޖްތަމައުގެ ލޯތްބާއި އިޙްތިރާމް ލިބިވަޑައިގެންފައިވާ ޤަދަރުވެރި ބޭފުޅެކެވެ.
ރޭގެ ރަސްމިއްޔާތުގައި ހައިކޯޓުގައިފަނޑިޔާރުންގެ ޚިދުމަތުން މިހާރު ވަކިވެ ވަޑައިގެންފައިވާ 28 ބޭފުޅަކަށް، ޚިދުމަތުގެ ޒިކުރާ އާކޮށް، ފަނޑިޔާރުންގެ ގޮތުގައި މަސައްކަތް ކުރެއްވި ޚިދުމަތުގެ ގައުންކޮޅު ޙަވާލުކޮށްދެއްވާފައިވެ އެވެ.
މި ރަސްމިއްޔާތުގައި ދިވެހި ދަޢުލަތަށް ދިގު މުއްދަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންނެވި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ދިވެހި ރާއްޖޭގެ ހައިކޯޓުން ދެ ބޭފުޅަކަށް ހަނދާނީ ފިލާ ޙަވާލުކުރެއްވި އެވެ. މީގެ އިތުރުން ފާއިތުވި އަހަރު ގަޑި ނުޖެހި އެންމެ ގިނަ ދުވަހު ހާޒިރުވި ތިން މުވައްޒަފުންނަށް ހަނދާނީ ލިޔުން ޙަވާލުކުރެއްވި އެވެ.
ދެހާސް ފަންސަވީހުން 2027 އަށް ޢަމަލުކުރުމަށް އެކުލަވާލައި ރޭގެ މި ޖަލްސާގައި އިފުތިތާޙްކުރި ދިވެހި ރާއްޖޭގެ ހައިކޯޓުގު އިސްތިރާޖީ ޢަމަލީ ތަދުބީރުގެ މައިގަނޑު މަޤްސަދަކީ ދުރުރާސްތާގެ އިސްތިރާޖުތަކެއްގެ ތެރެއިން ނިޒާމީ ޙައްލުތަކެއް ހޯދުމެވެ. އަދި ކޯޓުގެ މަޢުލޫމާތު އެއްކުރުމާއި، ބެލެހެއްޓުން ހަރުދަނާކޮށް ކޯޓުގެ ނިންމުންތައް ނިންމުމުގައްޔާއި ސިޔާސަތު އެކުލަވާލުމުގައި ޢިލްމީ އަދި ތަހުލީލީ ގޮތް ގެންގުޅުމުގެ ސަޤާފަތެއް ތަޢާރަފުކުރުމެވެ.