މާލެއިން ލައްކައަކަށް ވުރެ ގިނަ މީހުން މިހާތަނަށް ވެކްސިން ޖަހައިފި އެވެ.

އެޗްޕީއޭ އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން 11،474 މީހަކު މިއަދު އެކަނި ވަނީ ވެކްސިން ޖަހާފަ އެވެ. މިއީ މިހާތަނަށް އެއް ދުވަސްތެރޭ ރާއްޖޭގައި އެންމެ ގިނައިން ވެކްސިން ދިން ފުރަތަމަ ފަހަރެވެ. އޭގެތެރެއިން 6،015 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންނެވެ. ބާކީ 5،459 މީހުންނަކީ އަތޮޅު ތެރެއިން ވެކްސިން ޖެހި މީހުންނެވެ.

މުޅި ރާއްޖެއިން މިހާތަނަށް 186،930 މީހުން ވަނީ ވެކްސިން ޖަހާފަ އެވެ. އޭގެތެރެއިން 105،836 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންނެވެ. ބާކީ 81،094 މީހުންނަކީ އަތޮޅު ތެރެއިން ވެކްސިން ޖެހި މީހުންނެވެ.

އަންނަ ހޯމަ ދުވަހުން ފެށިގެން މާލޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން ހުއްޓާލައި، ދެވަނަ ޑޯޒް ދޭން ވަނީ ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވަނީ ވިދާޅުވެފަ އެވެ. ހޯމަ ދުވަހުންގެ ފަހުން ޚާއްސަ ކުރެވިފައިވާ ވަކި ފަރާތްތަކަށް މާލޭގައި ފުރަތަމަ ޑޯޒް ދޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.