ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ ޕާލިމަންޓަރީ ގްރޫޕް އޮފީހުގެ ޑިރެކްޓަރަކަށް ހިޔާނާތާއި ވައްކަމުގެ މައްސަލަތަކެއްގެ ރިކޯޑް އޮތް މީހަކު ހަމަޖައްސައިފި އެވެ.
އެ މަގާމަށް ހަމަޖައްސާފައިވަނީ މުހައްމަދު ސިނާން، ހަވީރީފިނި، ރ.އިންނަމާދޫ އެވެ. އޭނާ ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުރާ "އެސްޓާސް" ގައި ވަޒީފާ އަދާކުރިއިރު އެތަނުގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަން ކްރިމިނަލް ކޯޓާއި ހައި ކޯޓުގެ ހުކުމުން އެނގެ އެވެ.
ސިނާން 2009 ވަނަ އަހަރުން 2012 އަށް އެސްޓާސްގައި އެކައުންޓް ރިސީވަބަލް މެނޭޖަރެއްގެ ވަޒީފާގައި އުޅުނުއިރު، އެސްޓާސްއަށް އެކި ފަރާތްތަކުން ދައްކަންޖެހޭ ފައިސާގެ ތެރެއިން ޖުމްލަ 579،050.26 ރުފިޔާ ނެގޭގޮތަށް އެފަރާތްތަކުން ދޫކޮށްފައިވާ ޗެކްތަކެއްގައި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ކަލީމްގެ ސޮއި ފޯޖްކޮށް އެ ޗެކްތައް އެންޑޯޒް ކުރުމަށްފަހު، އެ ޗެކްތައް ސިނާންގެ އެކައުންޓަށް ޖަމާކޮށް ހިޔާނާތްތެރިވެފައިވާކަން ވަނީ ސާބިތުވެ ހުކުމްވެސް ކޮށްފަ އެވެ.
ކްރިމިނަލް ކޯޓުން 2021 ވަނަ އަހަރު އެ މައްސަލައިގައި ހުކުމްކޮށްފައިވަނީ ސިނާން 840،000 ރުފިޔާ އިން ޖޫރިމަނާކުރުމަށެވެ. ނަމަވެސް އެ މައްސަލަ ހައިކޯޓްގައި އިސްތިއުނާފުކޮށް ޖޫރިމަނާގެ އަދަދު 360،000 އަށް ކުޑަކުރި ނަމަވެސް ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި ނިންމި ނިންމުމަށް ހައިކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އޭނާ އަށް ހައިކޯޓުން ހުކުމް ކޮށްފައިވަނީ މި ހަމުގެ 23 ވަނަ ދުވަހު އެވެ. އެހެންކަމުން ބެލެވޭ ގޮތުގައި އޭނާއަށް ހުކުމްކުރި އިރުވެސް އޭނާ ހުރީ މަޖިލީހުގެ ޕީއެންސީ ޕީޖީ އޮފީހުގެ ޑިރެކްޓަރަކަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފަކަށް މިހާރު ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު އަކީވެސް އެމްއެމްޕީއާރްސީ ހިޔާނާތުގެ ދައުވާ ކޮށްފައި ވަނިކޮށް އެ މަގާމަށް ހަމަޖެއްސި ބޭފުޅެކެވެ. އެ މަގާމަށް އޭނާ ހަމަޖެއްސިތާ ދެތިން ދުވަސް ތެރޭގައި އޭނާއަށް ކުރި ހުރިހާ ދައުވާއެއް ޕީޖީ އޮފީހުންވަނީ އަނބުރާ ގެންގޮސްފަ އެވެ.
ލަނޑަޔާވާނީ ލަނޑަޔާ
ހުސް ވަގުން ......ރައީސެއް ނައިބެއް އަމީން އާންމެއް ކިޔާނެ ކަމެއް ނެތް.....ދައުލަތުން ވައްކަން ކުރީމާ އަތްކަނޑަން ކެރޭ ވެރިޔަކު ގައުމުގެ ވެރިޔަކަށް ގެންނަންވީ.....ޙައްލަކީ ޢުމަރު.