ހޮލީވުޑްގެ މަޝްހޫރު އެކްޓަރެއް ކަމަށްވާ އޭން ހެތަވޭ ސެލެބްރިޓީ ހެއާ ސްޓައިލިސްޓެއް ކަމަށްވާ އެމެނުއަލް މިލާއާ ދޭތެރޭ ކަންތައް ކުރީ ވަރަށް އިހާނެތިކޮށް ކަމަށް އޭނާ ބުނެފި އެވެ.

ދާދި ފަހުން އާއްމުވި ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުން މިލާ ވަނީ އޭންގެ އިތުރުން ޖެނިފާ ލޮޕޭޒްއާއި ބްލޭކް ލައިވްލީ ފަދަ ހޮލީވުޑްގެ ނަން މަޝްހޫރު ތަރިންނާއެކު ކުރެވުނު ތަޖުރިބާތައް ކިޔައިދީފަ އެވެ.

މިލާ ބުނީ އޭންއާއެކު ފިލްމެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު އޭނާއަށް ލިބުނު ކަމަށާއި އެއީ އޭނާގެ ހަޔާތުގައި ކުރެވުނު އެންމެ ހިތި ތަޖުރިބާ ކަމަށެވެ.

އެގޮތުން އޭން އޭނާއާ ދޭތެރޭ ކަންތައް ކުރީ އަޅުންނާ ދޭތެރޭ ކަންތައް ކުރާ ގޮތަށް ކަމަށާއި އޭނާއަށާއި އޭނާގެ މަސައްކަތަށް އޭންގެ ފަރާތުން އިހުތިރާމް ނުލިބޭ ކަމަށް ވެސް މިލާ ބުންޏެވެ.

"އޭނާ ދުވަހަކު ވެސް އަހަންނާ ވާހަކައެއް ނުދައްކާ. ހަތަރު މަސް ވީއިރު ވެސް އަހަރުމެންގެ މެދުގައި ގާތް ގުޅުމެއް އުފައްދާކަށް މަސައްކަތެއް ނުކުރޭ" މިލާ ބުންޏެވެ.

މިލާގެ ތުހުމަތުތަކާއެކު އޭން ނެރުނު ބަޔާނެއްގައި އޭނާ ބުނީ އެކުގައި މަސައްކަތް ކުރެވުނު ދުވަސްވަރުގެ ތަޖުރިބާ މިލާއަށް ތަފާތުވީތީ ހިތާމަކުރާ ކަމަށާއި މިލާއަށް އަބަދުވެސް ހެޔޮއެދޭ ކަމަށެވެ.

އަހަރުތަކުގެ ތެރޭގައި ބައެއް އެކްޓަރުންގެ ފަރާތުން ހިތްހެޔޮކަމާއި ގާތްކަން ފާހަގަވިކަމަށް މިލާ ބުނެފައިވެ އެވެ. އެގޮތުން ޖޮނީ ޑެޕްއާއި ޓޮމް ހޭންކްސްގެ ނަން އޭނާ ފާހަގަކުރި އެވެ.

އެހެން ނަމަވެސް ކެރިއަރުގައި އޭންއާއި ޖެނިފާ އަދި ބްލޭކް ފަދަ ރުންކުރު ތަރިންނާ ވެސް ދިމާވެފައިވާ ކަމަށާއި އެއީ އޭނާގެ އެންމެ ހިތި ހަނދާންތައް ކަމަށް މިލާ ބުނެ އެވެ.