އަންނަ އަހަރަށް ލަފާކޮށް 9.4 ބިލިއަން ރުފިޔާގެ ދަރަންޏާއެކު، ޖުމްލަ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ އަންނަ އަހަރުގެ ހަރަދުގެ ގޮތުގައި 49.2 ބިލިއަން ރުފިޔާ ހިނގާނެ ކަމަށެވެ. އަދި އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ހަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ޚަރަދުތަކުގެ އިތުރުން، ބަޖެޓުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ދައުލަތުގެ ދަރަނި އަދާކުރުމަށް ބޭނުންވާ 3.9 ބިލިއަން ރުފިޔާ އާއި، ސަރުކާރު ކުންފުނިތަކަށް ކެޕިޓަލް ދޫކުރުމާއި އެހެނިހެން އިންވެސްޓްމަންޓްތައް ކުރުމަށް ހިނގާނެ 378 މިލިއަން ރުފިޔާ އާއި، ސަރުކާރުން ލޯނު ދޫކުރުމަށް ކަނޑައަޅާފައިވާ 3.2 ބިލިއަން ރުފިޔާ އެވެ. ލޯނު ދޫކުރުމަށް ކަނޑައަޅާފައިވާ ފައިސާގެ 1 ބިލިއަން ރުފިޔާއަކީ 5 ޕަސެންޓް އިންޓްރެސްޓްގެ ގެދޮރުވެރިކަމުގެ ލޯނަށް ކަނޑައެޅި ފައިސާ އެވެ.
އަންނަ އަހަރުގެ ބަޖެޓު ވެގެންދާނީ 2019 ވަނަ އަހަރުގެ ފަހުން ޖީޑީޕީގެ ނިސްބަތުން ޑެފިސިޓް އެންމެ ކުޑަ ބަޖެޓް ކަމުގައި ޒަމީރު ވިދާޅުވި އެވެ. އަންނަ އަހަރުގެ ބަޖެޓް ޑެފެސިޓް ވަނީ 9.4 ބިލިއަން ރުފިޔާއިން ކަމަށް މިނިސްޓަރު ލަފާކުރެ އެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 7.8 އިންސައްތަ އެވެ. އަދި ބަޖެޓުގެ ޕްރައިމަރީ ޑެފިސިޓަކީ 3.8 ބިލިއަން ރުފިޔާކަމަށް ވާއިރު، މިއީ ޖީޑީޕީގެ ނިސްބަތުން 3.2 އިންސައްތަ އެވެ.
އަންނަ އަހަރަށް ފާސްކުރަން ހުށަހެޅިި ބަޖެޓަކީ ދިވެހިރާއްޖޭގެ ތާރީހުގައި ވެސް އެއް އަހަރު ދުވަހުގެ ތެރޭގައި ގެދޮރުވެރިކަމަށް ހާއްސަކޮށްގެން ސަރުކާރަކުން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހުށަހަޅާފައިވާ ބަޖެޓުކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ. އެގޮތުން ގެދޮރުވެރިކަމަށް 1.8 ބިލިއަން ރުފިޔާ ވަނީ އަންނަ އަހަރުގެ ބަޖެޓަށް ކަނޑައަޅާފަ އެވެ. މިއީ ރިކޯޑް އަދަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.