އިންޑިއާގެ އަދާނީ ގްރޫޕްގެ ބާނީއާ މެދު އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ކޮށްފައިވާ ރިޝްވަތުގެ ތުހުމަތުތަކުގެ ސަބަބުން، އެ ގްރޫޕުން ސްރީލަންކާގެ ބަނދަރެއް ތަރައްޤީކުރުމަށް 550 މިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއް ދޫކުރުމަށް ކުރިން ވެފައިވާ އެއްބަސްވުމަށް ކުރާނެ އަސަރު މިހާރު ދަނީ މުރާޖައާކުރަމުންކަމަށް އެމެރިކާގެ އޭޖެންސީއަކުން އާދީއްތަ ދުވަހު ބުނެފި އެވެ.

އެމެރިކާގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ބުނެފައިވަނީ ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ބަނދަރު ޓާމިނަލް މަޝްރޫއުއަށް 553 މިލިއަން ޑޮލަރުގެ ފައިނޭންސިން ފޯރުކޮށްދޭނެ ކަމަށެވެ. މި މަޝްރޫއުގެ ބައެއް މިލްކުވެރިކަން އޮތީ އަދާނީ ގްރޫޕަށެވެ.

ނިއުޔޯކުގެ ފެޑެރަލް ޕްރޮސެކިއުޓަރުން ބުދަ ދުވަހު އިއުލާނުކޮށްފައިވަނީ އަދާނީ ގްރޫޕްގެ ބިލިއަނަރު ބާނީ ގޯތަމް އަދާނީ އާއި އިތުރު 7 މީހަކު އިންޑިއާގެ ސަރުކާރުގެ އޮފިޝަލުންނަށް ގާތްގަނޑަކަށް 265 ބިލިއަން ޑޮލަރުގެ ރިޝްވަތު ދިނުމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ކަމަށެވެ. މިއީ 20 އަހަރުގެ ތެރޭގައި 2 ބިލިއަން ޑޮލަރުގެ ފައިދާ ލިބޭނެކަމަށް ލަފާކުރެވޭ ކޮންޓްރެކްޓްތަކެއް ހޯދުމަށާއި އިންޑިއާގެ އެންމެ ބޮޑު އިރުގެ ހަކަތައިގެ ޕްލާންޓް މަޝްރޫއު ތަރައްގީކުރުމަށް ކަމަށް ބުނެފައިވެ އެވެ.

"އަދާނީއާ ގުޅޭގޮތުން ފަހުން ކުރެވުނު ތުހުމަތުތަށް ޑީއެފްސީއަށް އެނގޭ، އަދި ޖަސްޓިސް ޑިޕާޓްމަންޓުން ފަހުން ކުރި އިޢުލާނާ ގުޅިގެން އޭގެ ނަތީޖާތައް ދަނީ ވަރަށް ފުންކޮށް ދިރާސާކުރަމުން،" ޑިވަލޮޕްމަންޓް އޭޖެންސީގެ އޮފިޝަލަކު ބަޔާނެއްގައި ބުނެފައިވެ އެވެ.

މި މަޝްރޫއަށް ލޯނު ދޫކުރުމަށް އެއްބަސްވެފައިވާ ފައިސާގެ އެއްވެސް މިންވަރެއް އަދި ދޫކޮށްފައި ނުވާކަމަށް އެ އޭޖެންސީއިން ބުނެފައިވެ އެވެ.

އަދާނީ ގްރޫޕުން ބުނެފައިވަނީ ޖަސްޓިސް ޑިޕާޓްމަންޓުގެ ތުހުމަތުތަކާއި އެމެރިކާގެ ސެކިއުރިޓީސް އެންޑް އެކްސްޗޭންޖް ކޮމިޝަނުން ހިންގި ސިވިލް މައްސަލައެއްގައި ކޮށްފައިވާ ތުހުމަތުތަކަކީ "އަސާސެއް ނެތް އަދި އިންކާރުކުރާ" ކަންކަން ކަމަށާއި، "ޤާނޫނީ ގޮތުން ކުރެވެން ހުރި ހުރިހާ ކަމެއް" ކުރާނެ ކަމަށެވެ.